މިދިޔަ ސަރުކާރުން 'ބިންވެރިޔާ' ސްކީމްގެ ދަށުން ބިން ލިބުނު މީހުންގެ ބިންތައް ރަސްމާލެ އަށް ސަރުކާރުން ބަދަލުނުކުރާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރޭ ދަރުބާރުގޭގައި ބޭއްވި ޕީއެންސީގެ ޖަލްސާ ކުރިއަށް ދިޔަ ވަގުތު، މާލޭގެ އުސްފަސްގަނޑު ސަރަހައްދުގައި މިދިޔަ ސަރުކާރުން ހުޅުވާލި 'ބިންވެރިޔާ' ސްކީމްގެ ދަށުން ގޯތި ލިބުނު ބައެއް މީހުން ވަނީ އިހުތިޖާޖުކޮށްފައެވެ. އެ އިހުތިޖާޖުގެ ބައެއް ބައިވެރިން ވަނީ އެ މީހުންގެ ހައްގުތަށް ޔަގީންކޮށްދީ ސަރުކާރުން ޖަވާބެއް ދިނުމަށް ގޮވާލައިފައެވެ. ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރުގެ 'ބިންވެރިޔާ' ސްކީމްގެ ދަށުން ގިރާވަރުފަޅާއި ގުޅީފަޅާއި ހުޅުމާލޭގެ ހިއްކާ ސަރަހައްދުން ގޯތި ލިބުނު ބައެއް މީހުންގެ ގޯތިތައް ރަސްމާލެ އަށް ބަދަލުކުރަން އުޅޭ ކަމުގެ ވާހަކަތައް ދެކެވޭ ކަމަށާއި އެކަމަކު އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. "އެއްވެސް ވަރަކަށް އަޅުގަނޑުމެން ނިންމި ކަމެއް ނޫން، މަޝްވަރާކުރި ކަމެއް ނޫން، އަދި ކުރާނެ ކަމެއް ވެސް ނޫން އެއީކީއެއް،" އުސްފަސްގަނޑުގައި އިހުތިޖާޖުކުރަން ތިބި މީހުންނަށް ދެއްވި ޖަވާބުގައި ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުންނަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށާއި، އެއްވެސް އޮޅުވާލުމެއް ނެތް ކަމަށެވެ. މިދިޔަ ސަރުކާރުން ގޯތި ދޫކުރަން ނިންމައި ހިއްކަން ފެށި ގިރާވަރުފަޅާއި ގުޅީފަޅާއި ހުޅުމާލޭގެ ފަޅުތެރެއާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި:
- ގިރާވަރުފަޅު ހިއްކައި ނިންމާލާނީ 50 ހެކްޓަރު އިތުރުކުރުމަށް ފަހު
- ގުޅީފަޅު ހިއްކައި ނިންމާލާނީ 85 ހެކްޓަރު އިތުރުކުރުމަށް ފަހު
- ހުޅުމާލެ ފަޅުތެރެއިން ހިއްކާ ސަރަހައްދަށް އެއްވެސް ބަދަލެއް ނުގެންނާނެ
ރޭ ވެސް ރައީސް ވަނީ، މި ފަސް އަހަރު ނިމުމުގެ ކުރިން ދިވެހީންގެ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވައިފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.