1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އަމިއްލަ ފަރާތްތަކަށް ބިޑަކާ ނުލާ ޕްރޮޕޯސަލްތައް ހުށަހެޅޭ ގޮތަށް މާލިއްޔަތު ގަވައިދަށް އިސްލާހު ގެނެސްފި

mu8p
ފޮޓޯ: ރައީސް އޮފީސް
ޝަފްޢަތު ، ހުވަދޫ މީޑީއާ
460ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ބިޑަކާ ނުލާ ނުވަތަ އަމިއްލަ ފަރާތްތަކުން އިސްނަގައިގެން މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅޭ ގޮތަށް މާލިއްޔަތު ގަވައިދަށް އިސްލާހު ގެނެސްފި އެވެ.

އަމިއްލަ ފަރާތްތަކުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތަކުގެ ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ އިންވެސްޓު މޯލްޑިވްސް ކުންފުންޏަށެވެ.

ފިނޭންސް މިނިސްޓްރީން އިސްލާހު ގެނެސް ގެޒެޓުކޮށްފައިވާ ގަވައިދުގައި ބުނެފައިވަނީ ޕްރައިވެޓް ސެކްޓަރުން އިސްނަގައިގެން، ސަރުކާރުން އިއުލާނުނުކުރާ މަޝްރޫއުތަކަށް ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށެވެ.

300 × 250

އަދި އެ ގަވައިދު ބުނާގޮތުން ޑައިރެކްޓު އުސޫލުން އަދި ޕްރައިވެޓް ސެކްޓާ އިނިޝިއޭޓިވްގެ ދަށުން މަސައްކަތް ހަވާލު ކުރެވޭނީ މަސައްކަތުގެ ބާވަތާއި އަގު އަދި މަސައްކަތް ހަވާލުކުރާ ފަރާތް ހިމެނޭހެން އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ، އެ މަސައްކަތެއް އެގޮތަށް އެވޯޑު ކުރަން ނިންމި ސަބަބު ފިނޭންސް މިނިސްޓަރަށް ހުށަހެޅުމުން މިނިސްޓަރުގެ ލަފާގެ މަތިންނެވެ.

ޕްރައިވެޓް ސެކްޓަރުން އިސްނަގައިގެން ހުށަހަޅާ ޕްރޮޕޯސަލް ކުރިއަށް ގެންދިޔުމަށް ކެބިނެޓުން ނުވަތަ ކެބިނެޓުގެ ކޮމެޓީއަކުން ނިންމިދާނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ގަވައިދުގައިވާ ގޮތުން ސަރުކާރުގެ ވަކި މަޝްރޫއުއަކަށް ނުފެތުނު ނަމަވެސް ސަރުކާރުގެ ތަރައްގީގެ އަމާޒުތަކަށް ވާސިލްވެވޭނެ މަޝްރޫއުއަކާ ގުޅޭ ޕްރޮޕޯސަލްއަކަށްވާ ނަމަ އެފަދަ މަޝްރޫއަކަށް ޕްރޮޕޯޝަލް ހުށަހެޅޭނެ އެވެ. މީގެ އިތުރުން ސަރުކާރުގެ ސްޓްރެޓީޖިކް ޑިވެލޮޕްމެންޓު ޕްލޭނުގައި ބަޔާންކޮށްފައިވާ ކަންކަން އީޖާދީ އަދި ފުދުންތެރި ގޮތުގައި ހާސިލްކުރުމަށް މަގުފަހިވާ ނަމަވެސް އެ މަޝްރޫއަކަށް ޕްރޮޕޯސަލް ހުށަހެޅޭނެ އެވެ.

މިފަދަ ޕްރޮޕޯސަލްތައް ހުށަނޭޅޭނެ ހާލަތްތަކުގެ ތެރޭގައި އެ މަޝްރޫއުއަކީ ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން ސަރުކާރުން ކުރިއަށް ގެންދަން އިއުލާނު ކޮށްފައިވާ ނުވަތަ ރާވާފައިވާ މަޝްރޫއެއް ނަމަ، އެފަދަ ޕްރޮޕޯސަލްއެއް ހުށައެއް ނޭޅޭނެ އެވެ. އަދި އެ ހުށަހަޅާ މަޝްރޫއުއަކީ ސަރުކާރުން، އެފަދަ މަޝްރޫއުއެއްގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން މަސައްކަތް ފަށާފައިވާ މަޝްރޫއުއަކަށް ވެސް ވެގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.

އެފަދަ ގޮތަކަށް ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރުމަށް ތިން މަރުހަލާއެއް ކުރިއަށްގެންދާނެ ކަމަށާއި ތިންވަނަ މަރުހަލާގައި އިންވެސްޓުމެންޓު ނުވަތަ މަސައްކަތް ކުރިއަށްގެންދަން ކުންފުނި ރަޖިސްޓްރީކޮށް އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް އެ ގަވައިދުގައި ބުނެފައިވެ އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި