މި ފެށުނު އައު އަހަރަކީ އައު އުންމީދުތަކާއެކު ހަލުވިކޮށް ކުރިޔަށްދާ އަހަރަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ ދިވެހިރައްޔިތުންނަށް އައު އަހަރުގެ ތަހުނިޔާ ވިދާޅުވެ ފޮނުއްވި ހިތާބުގައެވެ.

ރައީސްގެ ހިތާބުގައި ތަރައްގީއަށްޓަކައި ވިސްނުންތެރިކަމާއި ހަމަޖެހުން ބޭނުންވާކަން ފާހަގަކުރެއްވިއެވެ. އަދި އައު އަހަރަކީ އިވޭ އަޑުތަކާއި ލިބޭ މަޢުލޫމާތުގެ ދޮގުތެދު ވަކިކުރާ އަހަރަކަށް ހެދުމަށާއި ނަފުސުގެ ތެދުވެރިކަމުގެ މައްޗަށް ބިނާކުރާ އަހަރަކަށް ހެދުމަށް ވެސް ހިތާބުގައި އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ފާއިތުވެގެންދިޔަ އަހަރަކީވެސް ދިވެހިން މުހިންމު ނިންމުންތަކެއް ނިންމައި ކުލަގަދަ ތަސައްވުރެއް ކުރެހި އަހަރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގައި ބޭރުގެ އެއްވެސް އަސްކަރީ ބާރެއް އޮވެގެންނުވާނެކަމަށާއި ދުނިޔޭގެ އެހެން ގައުމުތައް ހާސިލްލުކުރާ ފަދަ ކުރިއެރުމާއި ތަހުޒީބާއި ތަރައްގީ ބޭނުންކަން ދިވެހިން ނިންމާފައިވާކަން ހިތާބުގައި ފާހަގަކުރެއްވިއެވެ. އަދި އެ ކަމަށް ޓަކައި ފިކުރީ ގޮތުން ޖީލުތައް އިސްލާމީ، ދިވެހި ގައުމީ ސިފަތަކާއެކު ބިނާކުރަން ބޭނުންވާކަމަށް ވެސް ދިވެހިން ނިންމާފައިވާކަން ހިތާބުގައި ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ދިވެހިން އައު ސަރުކާރެއް ހޮވައި ދިވެހިންގެ އެ ނިންމުންތައް ހަޤީގަތަކަށް ހެދުމަށް އެސަރުކާރާ ހަވާލުކޮށްފައިވާކަމަށާއި އަދި ސަރުކާރު ކުރިޔަށްދާނީ އެ މަސްއޫލިއްޔަތު ތެދުވެރިކަމާއި ޒިންމާދާރުކަމާއެކު އަދާކުރުމުގައި ކަމަށްވެސް މި ހިތާބުގައ އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ ނިމިދިޔަ އަހަރުގެ ފަހު ހަފުތާތަކާއި، މި ފެށުނު އަހަރުގެ ފުރަތަމަ ހަފުތާތަކަކީ މިސަރުކާރުގެ ހަފުތާ ސާދައިގެ ތެރޭގައި ގިނަގުނަ ވަޢުދުތަކެއް އަކުރުން އަކުރަށް ސީދާ ސުންގަޑިއަށް ފުއްދަމުންދާ ދުވަސްތަކެއްކަން މި ހިތާބު ބުގައި ފާހަގަކުރައްވާފައިވެއެވެ.