ޤައުމީ ކެޑޭޓް ކޭމްޕްގައި ބައިވެރިވުމަށް ރާއްޖެއިން ބޭރުން ޒިޔާރަތްކުރި ކެޑޭޓުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ބައްދަލުކުރައްވައިފިއެވެ.

23 ވަނަ ޤައުމީ ކެޑޭޓް ކޭމްޕުގައި އަވައްޓެރި ބައެއް ޤައުމުތައް ކަމުގައިވާ އިންޑިޔާ، ސްރީލަންކާ އަދި ނޭޕާލްގެ ކެޑޭޓުން ބައިވެރިވެފައިވެއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މި ކެޑޭޓުންނާ ބައްދަލުކުރައްވައި ނައިބު ރައީސް ހުރިހާ ކެޑޭޓުންނަށް މަރުޙަބާ ވިދާޅުވިއެވެ. އަދި އެހެން ސަގާފަތްތައް ދަސްކުރުމަށް ކެޑޭޓުން ދޭ ސަމާލުކަން ފާހަގަކުރައްވައި މި ކޭމްޕުގެ ސަބަބުން ކެޑޭޓުންގެ އަމިއްލަ ކުރިއެރުމަށް ވެސް ގިނަ ފައިދާތަކެއް ލިބިގެންދިއުމަށް އުންމީދު ކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކި ސަގާފަތްތަކުގެ މުއްސަނދި ޚިޔާލުތަކާއި ތަފާތު ތަޖުރިބާތަކުގެ ބޭނުން ހިފުމަށް ކެޑޭޓުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން މި ބައްދަލުކުރެއްވުމުގައި އިންޑިޔާއާއި، ސްރީލަންކާ އަދި ނޭޕާލްގެ ކެޑޭޓް ވަފުދުތަކުން ހަދިޔާ ބަދަލުކުރުން ވެސް އޮތެވެ. އަދި މި ބައްދަލުކުރެއްވުމުގެ ބައިވެރިން ވަނީ ދިވެހިސަރުކާރުން އެ ކެޑޭޓުންނަށް އަދާކުރެއްވި މެހެމާންދާރީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ. 1991 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއިން އަންނަނީ ކޮންމެ އަހަރަކު ޤައުމީ ކެޑޭޓް ކޭމްޕް ބާއްވަމުންނެވެ. އެގޮތުން މިއަހަރު ބާއްވާ ޤައުމީ ކެޑޭޓް ކޭމްޕް ކުރިޔަށްގެންދަނީ މާދަމާގެ ނިޔަލަށް  ގިރިފުށީގައެވެ.