މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ( އެމްޕީއެލް ) ގެ ވިސްނުން ހުރީ ވިހާވެސް އަވަހަށް އައްޑޫ ސިޓީ ހިތަދޫ ޕޯޓުން ބަންކަރިންގެ ހިދުމަތް ފެށުން ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޓީވީއެމްއަށް ދެއްވި އެކްސްކުލޫސިވް އިންޓަރވިއު އެއްގައެވެ.
އެމްޕީއެލުން ބަލަހައްޓަމުންދާ ޕޯޓުތަކުގެ ތެރެއިން އައްޑޫ ސިޓީ ހިތަދޫ ޕޯޓަކީ ރާއްޖޭގެ އެންމެ ދެކުނުގައި ވާ ޕޯޓެއްކަމުން އަދި އެ ސަރަހައްދަކީ އިންޓަނޭޝަނަލް ކަނޑުދަތުރުފަތުރު ކުރާ ލައިނެއްކަމުން މިޙިދުމަތުން އައްޑޫ ސިޓީ ގެ ރައްޔިިތުންނަށް އަދި އެ ޕޯޓަށް ގިނަ ކުރިއެރުން ތަކެއް އަންނާނެކަމަށް އެމްޕީއެލުން ދެކެއެވެ.
ބަންކަރިންގެ ޙިދުމަތަކީ އިންޓަނޭޝަނަލް ހުރިހާ ގައުމެއްގައި ވެސް ދޭ ބޮޑު ހިދުމަތެއް ކަމުން މިއީ ރާއްޖޭގައި ވެސް ކާމިޔާބު ކަމާއެކު ކުރެވިދާނެ މަސައްކަތެއްކަން ވަޖީހު ގެ ވާހަކައިގަ ފާހަގަ ކޮށްފައިވެއެވެ.
މީގެއިތުރުން އެމަނިކުފާނުގެ ވިސްނުންފުޅަކީ ކުރިއަށް އޮތް ތިންމަސް ދުވަހުގެ ތެރޭގައި މި ޙިދުމަތް ފައްޓާ އެކަމުގެ ސަބަބުން އައްޑޫ ރައްޔިތުންނަށްއެދެވިގެންވާ ކުރިއެރުން ހޯއްދަވައިދެއްވުމެވެ.
އަދި އެމްޕީއެލް ސީއީއޯ ވަޖީހުގެ މި ނިންމުމަކީ މުޅިރާއްޖެ އަށް މިކަމުގެ ފައިދާ ކުރާނެ ބޮޑު މަސައްކަތެކެވެ. ރާއްޖޭގެ އިގްތިސާދުުގައި އެމްޕީއެލަކީ މުހިންމު ބައިވެރިއަކަށް ވާއިރު، މި ކުންފުނީގެ ކުރިމަގު ވަރަށް އުޖާލާކަމަށް ސީއީއޯ ދެކެއެވެ.
އެމްޕީއެލަކީ ރާއްޖޭގައި ނަމޫނާ ކުންފުންޏަކަށް ހެދުމުގެ ބާރަށް ކުރިއަށް ދާއިރު، ވަޖީހު ދަނީ މިކަމުގެ އަމަލީ މަސައްކަތުގައި ބައިވެރިވަމުންނެވެ. އަދި އެމްޕީއެލާއި ސީއީއޯ މުހައްމަދު ވަޖީހު ހަވާލުވި ފަހުން ބޮޑެތި ކާމިޔާބު މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ވަޖީހު އަކީ އެމްޕީއެލްގައި ވަރަށް ގިނަދުވަސް ވަންދެން މަސައްކަތް ކޮށް ކުންފުނި ހިންގުމުގައި ގިނަ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.