މާލެ ބޮޑުތަކުރުފާނު މަގުގައި ހުންނަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބިމުގައި ގާއިމްކޮށްފައި ހުރި މާލެ ޖަލު  މިއަދު ބަންދުކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައީވަނީ ސަރުކާރުން އެ ޖަލު ބަދަލުކުރަން ނިންމީ އެ ޖަލާ ޖެހިގެން ކުރީގެ ސަރުކާރުން އިމާރާތްކޮށްފައިވާ ދަރުމަވަންތަ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް އެތަނުގައި ޖަލެއް ހުރުމުގެ ސަބަބުން ނުރަނގަޅު އަސަރުކުރަމުން އަންނާތީ ކަމަށެވެ.

މީގެއިތުރުން ކަރެކްޝަންސް އިން ބުނީ މިއަދުން ފެށިގެން ޖަލު ބަންދުކުރި ނަމަވެސް، އާއްމުންނަށް ފޯރުކޮށްދެމުން އައި ހިދުމަތްތައް މިމަހުގެ 12ގެ ނިޔަލަށް އެ އިމާރާތުގެ ކައުންޓަރުން ލިބޭނެ ކަމަށެވެ. މާލެ ބޮޑުތަކުރުފާނު މަގުގައި ހުންނަ މާލެ ޖަލު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބިމުގައި ގާއިމުކޮށްފައިވަނީ 17 ޖަނަވަރީ 2008އެވެ.