ކަނޑު ދަތުރުފަތުރު ކުރުމުގެ ކުރިން، އަންގަން ޖެހޭ ފަރާތްތަކަށް އެންގުމަށް އިލްތިމާސްކުރައްވައިފިއެވެ.
މިފަދައިން އިލްތިމާސްކުރައްވާފައިވަނީ އެމްއެންޑީއެފްގެ ކޯސްޓުގާޑުންނެވެ.
ކޯސްޓު ގާޑުން ހާމަކުރައްވާފައިވާ ގޮތުގައިި، މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، އާއްމުގޮތެއްގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާއިރު، ދަތުރުކުރާ ނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރުމަށް އިލްތިމާސްކުރައްވާ ކަމަށާ ދަތުރުކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށް ވެސް އިލްތިމާސްކުރާ ކަމަށެވެ.
މީގެ އިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން، މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރުމަށާއި، ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.މީގެ އިތުރުން ދަތުރުކުރާ ފަރާތްތަކުން ލައިފްޖެކްޓްއަޅައި، އިތުރަށް ސަމާލުވުމަށް ކޯސްޓްގާޑުންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ޑައިވިންގ އާއި ވޯޓަރ ސްޕޯޓްސް އިންތިޒާމުކުރާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްސަ ސަމާލުކަމެއްދިނުމަށާއި، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރެއްވުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.
ހަމައެހެންމެ ދިވެހި ފުލުހުންގެ ޚިދުމަތުންވެސް ވަނީ، މޫސުން ގޯސްވެ، ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.
އެގޮތުން ކަނޑުދަތުރުފަތުރު ކުރުމުގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއެކު އުޅަނދުގައި ފުރިހަމަވެފައި ހުންނަންޖެހޭ މުވާސަލާތީ ވަސީލަތްތަކާއި ލައިފް ޖެކެޓު ހަމައަށް ހުރިތޯއާއި އެތަކެތި ހުރީ ބޭނުންކުރެވޭފަދަ ހާލަތުގައިތޯ ޔަޤީންކުރުމަށް ފުލުހުން އިލްތިމާސްކުރައްވާފައިވެއެވެ.
އެ އުޅަނދަކަށް އެކަށީގެންވާ ވަރަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށްވެސް ފުލުހުން އިލްތިމާސްކުރައްވައެވެ.
މޫސުމާ ބެހޭ އެންމެ ފަހުގެ މައުލުމާތު ހޯދުމަށާއި މޫސުމީ ސަމާލުތަކާ އެއްގޮަތަށް އަމަލުކުރުމަށާއި ޒަރޫރީ ބޭނުންތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށްވެސް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.