މޮންޓެނީގްރޯގެ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓެނީގްރޯގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ޚަރަދުގެ ތަފުސީލު ރައީސް އޮފީހުން ހާމަ ކުރައްވާފިއެވެ.
ރައީސް އޮފީހުން މިއަދު ހާމަކުރި ގޮތުގައި މިދިޔަ މަހުގެ 23 އިން 27 އަށް ނައިބު ރައީސް މޮންޓެނީގްރޯއަށް ކުރެއްވި ދަތުރުފުޅުގެ ޚަރަދަށް ހޭދަވީ ޖުމްލަ 589,736.65 ރުފިޔާއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ-އެޓް-ލާރޖް މުހައްމަދު ހުސައިން ޝަރީފް ހިމެނިވަޑައިގަންނަވާހެން ޖުމްލަ ފަސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސް އޮފީހުން ހާމަކޮށްފައިވާ ޚަރަދުތަކުގެ ތަފުސީލު:
- ބިޒްނަސް ކުލާސް ފަސް ޓިކެޓް - 492,746.10 ރުފިޔާ
- ފަސް ބޭފުޅުންގެ ޕޮކެޓް މަނީ - 64,638 ރުފިޔާ
- ފަސް ބޭފުޅުންގެ ފަރިއްކޮޅު ޚަރަދު (މޮންޓެނީގްރޯ) - 23,823.72 ރުފިޔާ
- ފަސް ބޭފުޅުންގެ ފަރިއްކޮޅު ޚަރަދު (އިސްތަންބޫލް) - 7,895.07 ރުފިޔާ
- ވިސާ ޚަރަދު 633.76 ރުފިޔާ
ރައީސާއި ނައިބު ރައީސްގެ ރަސްމީ ދަތުރުފުޅުތައް ނިމޭތާ 15 ދުވަސްތެރޭގައި އެ ދަތުރުފުޅެއްގެ ޚަރަދުތަކުގެ ތަފުސީލު އާންމުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅެކެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.