ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ސެކްރެޓަރީ އޮފް ދަ ސީ.ޕީ.ސީ. ފޫޖިއާން ޕްރޮވިންޝަލް ޕާޓީ ކޮމިޓީ، އަދި ޗެއާމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ފޫޖިއާން ޕްރޮވިންޝަލް ޕީޕަލްސް ކޮންގްރެސް ޗޯ ޒު އީ އާއި، ޑެޕިއުޓީ ސެކްރެޓަރީ އޮފް ދަ ސީ.ޕީ.ސީ. ފޫޖިއާން ޕްރޮވިންޝަލް ޕާޓީ ކޮމިޓީ، އަދި ފޫޖިއާން ޕްރޮވިންސްގެ ގަވަރނަރ ޖާއޮ ލޮންގ އާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ފޫޖިއާން ޕްރޮވިންސްގެ އިތުރު ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގަތް މި ބައްދަލުވުމުގައި، ސަގާފީ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން، މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން، ސެކްރެޓަރީ އޮފް ދަ ސީ.ޕީ.ސީ. ފޫޖިއާން ޕްރޮވިންޝަލް ޕާޓީ ކޮމިޓީ ވާހަކަފުޅު ދެއްކެވިއެވެ. މީގެއިތުރުން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އިންވެސްޓް މޯލްޑިވްސް ފޯރަމަށް ފަހު ދިވެހިރާއްޖެއާއެކު އިންވެސްޓްމަންޓްގެ ދާއިރާއިން މިހާރަށްވުރެ އިތުރަށް ގުޅުން ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގާތް ގުޅުން ފާހަގަކުރައްވައި، އެ ޤައުމާއެކު ތަފާތު ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ފުރަމާނަ ދަތުރުފުޅެއްގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނެވި ޤައުމަކަށް ޗައިނާ ވެގެންދިއުމަކީ ދިވެހިރާއްޖެއާއި އެ ޤައުމާ ދެމެދު އޮންނަ ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތާގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އިތުރަށް ގުޅުން ބަދަހިވެ، އެ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ދެ ވަފުދުންވެސް ވިދާޅުވިއެވެ. މި ބައްދަލުވުމަށްފަހު ފޫޖިއާން ޕްރޮވިންސްގެ ލީޑަރުންވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި މަރުޙަބާގެ ޖާފަތެއް ދެއްވާފައެވެ. އެމަނިކުފާނުގެ ދެކަނބަލުންގެ އަރިހުގައި މި ފުރަމާނަ ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.