ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ މަގާމަށް، އެ ޤައުމުގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އައު ދައުރަކަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެން އެކަމަނާއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

އެމަނިކުފާނުގެ މެސެޖުގައި، ޝައިޚް ޙަސީނާގެ ވެރިކަމުގައި ބަންގްލަދޭޝްގެ ރައްޔިތުންނަށް ދެއްވަމުން ގެންދަވާ އަހަންމިއްޔަތު ފާހަގަކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވާފައިވެއެވެ. މި މެސެޖުގައި، ރާއްޖެއާއި ބަންގްލަދޭޝްއާ ދެ ޤައުމަކީ ގާތް އަވަށްޓެރި ދެ ޤައުމު ކަމަށާއި، މި ދެ ޤައުމުގެ ދެމެދު އޮންނަ އެކުވެރިކަމުގެ ޒަމާންވީ ގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމްކުރުމާއި، ދެފަރާތުން އިސްކަންދޭ ކަންކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން  ވަނީ ފާހަގަކުރައްވާފައެވެ. މި މެސެޖް ނިންމަވާލައްވަމުން ރައީސްވަނީ  ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ވެރިކަމުގެ ޒަޢާމަތުގައި ދެޤައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، އޭގެ ފައިދާ ދެ ޤައުމުގެ ރައްޔިތުންނަށް ލިބިގެންދާނެކަން ފާހަގަކުރައްވަމުންނެވެ.