މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޑްރަގް އެންފޯސްޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖަނަވަރީ 9 ވަނަ ދުވަހުގެ ރޭ  ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި 32 އަހަރުގެ ދިވެހި އަންހެނެކެވެ.

އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 11 ވޭޕް ކާޓްރިޖް އަދި ގިނަ އަދަދެއްގެ ދިވެހި ފައިސާ ފެނިފައިވެއެވެ. އަދި މި މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތް ދުއްވާ ސައިކަލު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެއް ހުރި 17 ވޭޕް ކާޓްރިޖް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން 25 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ދީފައިވެއެވެ. އަދި  32 އަހަރުގެ މީހާ ވަނީޝަރުތުކުރުމަށްފަހު  ދޫކޮށްލާފައެވެ.
މި މައްސަލަ ޑްރަގް އެންފޯސްޓްމަންޓުން ދަނީ ތަހްގީގު ކުރަމުންނެވެ.