އދ. ދިގުރަށުގައި މި މަހުގެ ތެރޭގައި ކޮތަޅަކަށް ލައި އެއްލާލާފައި އޮއްވައި ފެނުނު ތުއްތު ކުއްޖާގެ ހަށިގަނޑު ވަޅުލައިފިއެވެ.

ކުއްޖާ ވަޅުލާފައި އާއިލާގެ ހުއްދަ ލިބިގެން ރޭ 9:00 ގައި ހުޅުމާލެ ސަހަރާގައެވެ.

ތުއްތު ކުއްޖާގެ ހަށިގަޑު ވަޅުލާފައި މިވަނީ އދ. ދިގުރަށުގައި ވިހެއުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނުތާ މަހަކަށްވުރެވެސް ގިނަ ދުވަސް ފަހުންނެވެ. އެކުއްޖާ އެއްލާލާފައި އޮއްވާ ފެނުނީ ފާއިތުވި ޑިސެމްބަރުމަހުގެ 4 ވަނަ ދުވަހުއެވެ.

އެއަށްފަހު ތުއްތު ކުއްޖާގެ ހަށިގަނޑު ދެ ހަފުތާ ފަހުން ޕޯސްޓުމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާލާފައިވަނީ ޑިސެމްބަރުމަހުގެ 16 ވަނަ ދުވަހުއެވެ. ޕޯސްޓު މޯޓަމަށް ފަހު ޑިސެމްބަރ މަހުގެ 22 ވަނަ ދުވަހު ކުއްޖާގެ ހަށިގަނޑު ވަނީ މާލެ ގެނެސްފައިވާއިރު، ކުއްޖާގެ ހަށިގަނޑު މިހާތަނަށްވެސް ބާއްވާފައި އޮތީ ގަލޮޅު މޯޗަރީގައެވެ.

އދ. ދިގުރަށުގެ ކުނިގޮނޑުން ފެނުނު ތުއްތު ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އެކުއްޖާގެ މަންމަ ޝަރީއަތް ނިމެންދެންވަނީ ބަންދު ކޮށްފައެވެ. މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ ސްރީ ލަންކާގެ 30 އަހަރުގެ އަންހެނެކެވެ.