ކުރިއަށް އޮތް ރަމަޟާން މަހު ސަރުކާރުގެ ޚަރަދުގައި ކޮންމެ ގެއަކަށް ހަނޑޫ ބަސްތާއަކާއި ފުށްބަސްތާ އެއް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޗައިނާއަށް ކުރެއްވި ފުރަތަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަސާސީ ކާބޯތަކެތި ހޯދުމަށް އެންމެ ގައުމަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ.

ކާޑުގެ ބާވަތްތައް މިހާރު ރާއްޖެއަށް ގެންނަނީ އިންޑިއާއިންނެވެ. ރާއްޖެއާއި އިންޑިއާއާ ދެމެދުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ މިދަނޑިވަޅުގައި ރައީސް ވިދާޅުވީ, ހަޑުލާއި ހަކުރާއި ފުއް ހޯދުމަށް ތުރުކީއާ އެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ.

މީގެއިތުރުން އެމަނިކުފާނު ވަނީ ކުރިއަށް އޮތް ރޯދަ މަހު ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާ އަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ސަރުކާރުން ހަދިޔާ ކުރަން ނިންމާފައިވާ ހާމަކޮށްފައެވެ.