ހުއްދަ ލިބިފައިވާ ކުންފުންޏެއްކަން ކަށަވަރުކޮށްފައި ނޫނީ، ޢުމްރާގެ އަޅުކަމަށް ދިއުމަށް އެޑްވާންސްކޮށް ފައިސާ ނުދެއްކުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އިލްތިމާސްކުރައްވައިފިއެވެ.
އެ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ގޮތަށް އިލްތިމާސް ކުރައްވަން ޖެހުނީ ހުއްދަ ނުލިބެނީސް ކުންފުނިތަކުން ޢުމްރާގެ އަޅުކަމަށް ދާން އެދޭ މީހުންގެ އަތުން އެޑްވާންކޮށް ފައިސާ ނަގާކަން ފާހަގަވުމާއި ގުޅިގެން ކަމަށެވެ. އަދި އެ ވުޒާރާއިން ވަނީ މިގޮތަށް ފައިސާ ނަގަމުންދާ 2 ކުންފުންޏެއްގެ މައްސަލަ ބަލާ، އެ ދެ ކުންފުނީގެ މަޢުލޫމާތުވެސް އާއްމުކުރައްވާފައެވެ. އެ 2 ކުންފުންޏަކީ އަލް މަޝްޢަރު ޙައްޖު ޢުމްރާ" އާއި "ވަޑި ޙައްޖު އެންޑް ޢުމްރާ"އެވެ.
މީގެއިތުރުން ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ ހިލާފަށް އަދި މިނިސްޓްރީގެ ހުއްދަ ނެތި އުމުރާއަށް މީހުން ގެންދިއުމަށް އިއުލާންކޮށް ފައިސާ ނަގަމުންދާ ކަމަށް ސޯޝަލް މީޑިއާގެ ވަސީލަތްތަކުން އެވުޒާރާއަށް ފާހަގަކުރެއްވިފައިވާ ކަމަށާއި އަދި މިފަދަ އަމަލުތަކަކީ މަނާކަމެއްކަމަށާއި، އެގޮތަށް އެކަން ނުކުރުމަށް އެވުޒާރާއިން ނެރުނު ބަޔާނުގައި ވެއެވެ.
ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާއި ގުޅޭ އުސޫލުގެ ދަށުން މިހާރު ކުންފުނިތަކަށް ހުއްދަ ދެމުންދަނީ ޖެހިޖެހިގެން ދެ އަހަރު ދުވަހުގެ މުއްދަތަށެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނެރުއްވި ބަޔާނުގައި ވިދާޅުވީ، ޢުމްރާއަށް މީހުން ގެންދިއުމާއި ގުޅޭ އުސޫލުގެ ދަށުން ހުއްދަ ލިބިގެން މެނުވީ އެއްވެސް ކުންފުންޏަކުން އެއްވެސް މީހެއްގެ އަތުން ނުވަތަ ބައެއްގެ އަތުން ފައިސާ ނަގައިގެން ނުވާނެކަމަށެވެ. އަދި ޢުމްރާގެ ހުއްދައިގެ މުއްދަތުގެ ތެރެއަށް ނުވަންނަ ޢުމްރާ ދަތުރުތަކަށް މީހުން އަތުން އެޑްވާންސްކޮށް ފައިސާ ނެގުމަކީވެސް އުސޫލާއި ޚިލާފު ކަމެއްކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
އުމްރާއަށް މީހުންގެ ގެންދިއުމާއި ބެހޭ އުސޫލުގެދަށުން ނަގަންޖެހޭ ހުއްދަ ނެތި ވިޔަފާރި އުސޫލުން ޢުމްރާއަށް މީހުން ގެންދިއުމާއި، ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތް ކުންފުންޏަކަށް އެއްވެސް ފަރާތަކުން ފައިސާ ދެއްކުމަކީވެސް އުސޫލުގައި މަނާ ކަމެއްކަމަށް ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އަދި މިއުސޫލާއި ހިލާފަށް އެއްވެސް ފަރާތަކުން ޢަމަލުކޮށްގެން ދިމާވާ ކަމެއްގެ ޒިންމާ އުފުލަންވާނީ އެފަރާތަކުން ކަމަށްވެސް އިސްލާމީ ކަންތައްތަކާއި ވުޒާރާއިން ނެރުއްވި ބަޔާނުގައިވަނީ ވިދާޅުވެފައެވެ.
ޢުމްރާގެ ހިދުމަތަށް ހުއްދަ ދެއްވާފައިވާ ކުންފުނިތަކުގެ ލިސްޓް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވެބްސައިޓުގައިވަނީ އާއްމުކުރައްވާފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.