ހިރިޔާ ސްކޫލާއި ސޯޝަލް ސެންޓަރާ ދެމެދު ބަންދުކޮށްފައި އޮތް ސަބުދެލި މަގު ހުޅުވައިފިއެވެ.

ސަބުދެލިމަގު ސާފު ކުރުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ކުރަން ފެށީ މި މަހުގެ ކުރީކޮޅުގައެވެ. އެގޮތުން، އެތަން ސާފު ކުރުމުގެ މަސައްކަތް އެ ވުޒާރާއިން ވަނީ ކޮށްފައެވެ. އެ މަގު މިހާރު ސާފުކުރުމުގެ މަސައްކަތްކޮށް ނިމުމުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްގެން ވަނީ މަގުގެ ގައު އެތުރުމުގެ މަސައްކަތާއި ސްޓޯމް ވޯޓަރ ޤާއިމް ކުރުމުގެ މަސައްކަތްވެސް ކޮށްފައެވެ. އަދި މިހާރު ކުރިއަށްދަނީ މަގު ކުރެހުމުގެ މަސައްކަތެވެ.

ސަބުދެލި މަގު ބަންދުކޮށްފައި އޮންނަތާ ހަތް އަހަރު ވަނީވެފައެވެ. އެމަގު ބަންދުކުރީ ލަގްޒަރީ އެޕާޓްމަންޓުތަކެއް އެޅުމުގެ ބޭނުމުގައެވެ. ނަމަވެސް އެ މަސައްކަތް މިހާތަނަށް ފަށާފައެއްނުވެއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު، ދައުލަތުގެ މީޑިޔާ ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި މީގެ ކުރިން ވިދާޅުވީ ސަބުދެލި މަގު ހުޅުވަން ނިންމެވީ މާފަންނުގައި ދިމާވެފައިވާ ޓްރެފިކް މައްސަލަ ހައްލު ކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވުމުން ކަމަށެވެ.