އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ ބްރިޖު ހެދުމަށް މިސްރުގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.
ސަރުކާރުން މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިދިޔަ ހަފުތާގައި އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުންތަކުން ނިންމެވި ނިންމުންތަކާ ގުޅޭގޮތުން ހިއްސާ ކުރެއްވި މައުލޫމާތު ތަކުގެ ތެރޭގައެވެ.
އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ ގުޅާލާ ބްރިޖު ހެދުމަށް ޝައުގުވެރިކަން ފާޅު ކޮށްފައިވަނީ މިސްރުގެ ކުންފުންޏެއް ކަމަށްވާ ދަ ޢަރަބް ކޮންޓްރެކްޓަރސްއިންކަން ފާހަގަކުރައްވައި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް ވިދާޅުވީ އެކުންފުނިން ބްރިޖުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަދަން ޖެހޭ ސާވޭގެ މަސައްކަތް ހިލޭ ސާބަހަށް ކޮށްދޭނެ ކަމުގެ އިޝާރާތެއް ކޮށްފައިވާ ކަމަށެވެ.
"އެކަމާ ގުޅިގެން ކުރަން ޖެހޭ ސާވޭތައް ހިލޭ ސާބަހަށް ކޮށްދޭނެކަމުގެ އިޝާރާތެއް ވަނީ ކޮށްފައި. އެހެންވެ އެގޮތަށް އެކަން ކުރާނަމަ އެ މަސައްކަތް އެ ކުންފުންޏާ ގުޅިގެން ކުރިއަށްގެންދިއުމަށް އިކޮނޮމިކް ކައުންސިލުން ވަނީ ނިންމާފައި،" ނާޡިމް ވިދާޅުވިއެވެ.
ހިތަދޫ އާއި ހުޅުމީދޫ ބްރިޖަކުން ގުޅާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެ ބްރިޖު މަޝްރޫއަށް ޗައިނާގައި ކުރިއަށްދިޔަ "އިންވެސްޓް މޯލްޑިވްސް ފޯރަމް" ގައި ވެސް ގިނަ ކުންފުނިތަކަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.








ޚިޔާލު (1)
ހަވަރު ތިނަދޫ އާއި ކާޑެއްދޫއާއި ދެމެދު އަޅާ ބުރިޖާއި ހަވަރު ތިނަދޫއިން ކޮންޑިޝަނަލް ގޯތި ދިނުމަށް އެމެރިކާ ކުންފުންޏަކާ ހަވާލުކުރެވިފައިވާވާހަކަ މައުލޫމާތަށްޓަކައި ދެންނަވަމެވެ