އަންނަ ރޯދަމަސް ނިމޭއިރަށް، މިހާރުގެ މަސް މާރުކޭޓް ހުރިތަނުގައި ޒަމާނީ ފެންވަރުގެ މަސް މާރުކޭޓެއް އަޅަން ފަށާނެކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ، މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި މޭޔަރާއި 3 މެންބަރުން ހުވާކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިހާރު މާލޭގައި ހިންގަމުންދާ މަސް މާރުކޭޓް ތަޅާލުމަށްފަހު، މިހާރު ލޯކަލް މާރުކޭޓް ހިންގާ ތަނުގައި 4 ބުރީގެ ޒަމާނީ މާރުކޭޓެއް އަޅަން މިހާރު ތައްޔާރުވެފައިވާ ކަމުގައެވެ.
އަދި މި މަސައްކަތަކީ މާލޭ ސިޓީ ކައުންސިލުން ފާސްވެސް ކޮށްފައި އޮތް މަޝްރޫއެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އާ މަސް މާރުކޭޓް ވެގެންދާނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު އިމާރާތްކުރެވޭ ތަނަކަށް ކަމުގައެވެ.
"ބިމު އަޑީގައި ޕާކިންގ. އެ ތަނަށްދާ ކަސްޓަމަރުން އަދި މުވައްޒަފުންގެ ޕާކިންގ. ގްރައުންޑް ލެވެލްގައި، އެންމެ ޒަމާނީ ސްޓޭޓް އޮފް ދަ އާރޓް، މަސް މާރުކޭޓް. ފަސްޓް، ސެކަންޑް ފްލޯރ ލެވެލްގައި، ފްރެޝް ފުޑް، ދެން މި ކިޔާ އެކިކަހަލަ ކާބޯތަކެތި. ލޯކަލް މާރުކޭޓް އަދި ދަތުރުވެރިންގެ މާރުކޭޓުގައި އެ ވިއްކާ ބާވަތްތަކުގެ ތަކެތި ވިއްކާގޮތަށް ހުންނާނެ. އަދި އެންމެ މަތީގައި އެކިކަހަލަ ވިޔަފާރިތައް. ރެސްޓޯރެންޓް ފަދަ ތަންތަން ހުންނަ ޑިޒައިނެއް އެއީ. އެހެންވީމާ، އެއީ ކައުންސިލުން ފާސްކޮށްފައި އޮތް އެއްޗެއް. އެހެންވީމާ، އެކަން ކުރިއަށް ގެންދިޔުމުގައި، އިރާދަކުރެއްވިއްޔާ ކާމިޔާބީ ހާސިލްވާނެ،"
ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މޭޔަރަކަށް ހުންނެވިއިރު އެމަޝްރޫޢު ކުރިޔަށް ނުގެންދެވުނީ އޭރުގެ ސަރުކާރުން އެއްބާރުލުން ނުދެއްވުމުން ކަމަށާއި، އެހެންނަމަވެސް މިހާރުގެ ކައުންސިލުން މިމަސައްކަތަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ޔަގީން ކުރައްވާ ކަމުގައެވެ.
"ހަމަ ފުރުސަތު ނުދެއްވި. ނުދިނީމާ އެކަންވެސް ނުވީ. އެ ފުރުސަތު ނުދެއްވި ބޭފުޅުން، ކަން ދިމާކުރިގޮތުން، މިތާވެސް އެބަ ތިއްބެވި. އެ ފުރުސަތު ނުލިބުނީމާ ނުވި ކަންތައް މިހާރު އެވަނީ ފަށަން ރެޑީވެފައި، ތައްޔާރުވެފައި،"
ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވިއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.