ރާއްޖޭގެ 9 ސަރަހައްދެއްގައި އައިސްޕްލާންޓް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
"މިވަގުތުވެސް ރާއްޖޭގެ 9 ސަރަހައްދެއްގައި އައިސްޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަ ގެންދަން. މި މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށްއޮތް 6 މަހެއްހައި ދުވަހުގެ ތެރޭގައި ނިންމާލެވޭތޯ މަސައްކަތް ކުރަމުން މިދަނީ. އެ 9 ސަރަހައްދުގައި 9 އައިސްޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތް ކުރެވިގެންދާނެ." މުއްތަލިބު މިހެން ވިދާޅުވީ ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުގައެވެ.
މި 9 ރަށުގެ ތެރޭގައި ހިމެނެނީ ހއ. ދިއްދޫ، އއ. ރަސްދޫ، ލ. މާމެންދޫ، ދ. މީދޫ، ގދ. ރަތަފަންދޫ، ޅ. ނައިފަރު، މ. ވޭވައް، ގދ. ފިޔޯރީ އަދި ލ. މާވަށެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، މީގެތެރޭގައި ސައުދީ ފަންޑުން ހިންގާ 5 ޕްރޮޖެކްޓަކާއި، 2023 ވަނަ އަހަރު ފެނަކައާއި ޙަވާލުކޮށް ލަސްވާތީ ޓަރމިނޭޓްކުރި 4 ޕްރޮޖެކްޓެއްވެސް ހިމެނޭކަމަށެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، އައިސް ޕްލާންޓްތައް އެޅުމުގެ އިތުރުން މަހުގެ ކޮލެޓީ ހިފެހެއްޓުމަށް ދޯނިތަކުގައި އާރުއެސްޑަބްލިއު ސިސްޓަމް ހަރުކުރުމަށް 200 ފުރުޞަތުވެސް ހުޅުވާލާނެކަމަށެވެ. އަދި މި ފުރުޞަތުތަކަށް މަސް ދޯނިފަހަރަށް ބޭންކް މެދުވެރިކޮށް ފެސޭހައިން ލޯނު ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރާނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.