ޕީޕީއެމް/ޕީއެންސީ ކޮންގްރެސް ޓިކެޓުގައި މަޖިލިސް ޕްރައިމަރީގައި ވާދަކުރެއްވި މެމްބަރުންގެ ތެރެއިން 13 ބޭފުޅަކަށް ޕްރައިމަރިއަކާ ނުލައި ޓިކެޓް ކަށަވަރުވެއްޖެއެވެ. ކޮންގްރެސްއިން މިއަދު ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަންގެ ފަރާތުން ވާދަކުރުމަށް އެދޭ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގައި، އެކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ މެންބަރަކު ވާދަކުރުމަށް އެދި ހުށަހަޅާފައިވާތީއާއި، އެކި ސަބަބުތަކާއެކު ބައެއް މެންބަރުން ނަން އަނބުރާ ގެންދިއުމުގެ ސަބަބުން އެއް މެންބަރަށް އަދަދު މަދުވެފައިވާތީ ޕްރައިމަރީއެއް ބޭއްވުމެއްނެތި 13 ފަރާތަކަށް ކޯލިޝަންގެ ޓިކެޓް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ޕްރައިމަރިއަކާ ނުލައި ޓިކެޓް ކަށަވަރުވި ބޭފުޅުންނަކީ:

  1. ހޯރަފުށީ ދާއިރާ، އަލީ މޫސާ
  2. ބާރަށު ދާއިރާ، އިބްރާހިމް ޝުޖާއު
  3. ހަނިމާދޫ ދާއިރާ، އިދުރީސް އަބްދުﷲ
  4. އޭދަފުށީ ދާއިރާ، އަހްމަދު ސަލީމް
  5. މަހިބަދޫ ދާއިރާ އަހްމަދު ތާރިޤު
  6. ނިލަންދޫ ދާއިރާ، ފާތިމަތު ސައުދާ
  7. ތިމަރަފުށި ދާއިރާ، އިބްރާހިމް ސަނާހް
  8. ފޮނަދޫ ދާއިރާ، އަބްދުއްރަހީމް އަަބްދުﷲ
  9. ހިތަދޫ މެދު ދާއިރާ، އަހްމަދު އަޒާން މަރުޒޫޤް
  10. ހުޅުދޫ ދާއިރާ، މުހައްމަދު ޝާހިދު
  11. ގަލޮޅު ދެކުނު ދާއިރާ، އިބްރާހިމް މުހައްމަދު
  12. ހެންވޭރު ހުޅަނގު ދާއިރާ، އަލީ އިބްރާހިމް
  13. ހުޅުމާލެ މެދު ދާއިރާ، އަބްދުﷲ ޝަޛީމްއެވެ.

ޕްރައިމަރީގައި ވާދަކުރައްވަން ފޯމުހުށަހެޅި ބައެއް ފަރާތްތަކުގެ ފޯމު ބަލައިނުގަތުމުން މި މައްސަލަ ހޫނުވެ ބައެއް މެންބަރުންވަނީ ޕާޓީ ދޫކޮށްލަން ސިޓީވެސް ހުށަހަޅާފައެވެ. އެހެންކަމުން ރައީސް މުއިއްޒު ނިންމީ ޕްރައިމަރީގައި ވާދަކުރައްވަން ބޭނުންފުޅުވާ ހުރިހާ ފަރާތްތަކަށް އެފުރުސަތު ދިނުމަށެވެ. ކޮންގްރެސްގެ މަޖިލިސް ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.