މި އަހަރުގެ މިހާތަނަށް އައިއިރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރޭ، ޗައިނާގެ 10،000 އަށްވުރެ ގިނަ ފަތުރުވެރިން ހިމެނޭ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިއަދަދާއެކު، ރާއްޖެއަށް މިހާރު 4 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމަކަށް ވެފައިވަނީ ޗައިނާއެވެ. ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އެންމެ ފަހުން އާއްމުކޮށްފައިވާ ޑެއިލީ އަޕްޑޭޓް ރިޕޯޓުގައިވާގޮތުން މިމަހުގެ 21ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 128،548 ފަތުރުވެރިން އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާ ބަލާއިރު 11.6 އިންސައްތަ އިތުރު އަދަދެކެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. މިދިޔަ އަހަރު ނިމުނު އިރު ރަޝިއާއަކީ ރާއްޖެއަށް 2ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމެވެ.
އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ޤައުމުތައް:
- ރަޝިއާ – 14,495 ފަތުރުވެރިން
- އިޓަލީ – 13،965 ފަތުރުވެރިން
- އިނގިރޭސިވިލާތް – 10،689 ފަތުރުވެރިން
- ޗައިނާ – 10،113 ފަތުރުވެރިން
- އިންޑިއާ – 9،744 ފަތުރުވެރިން
ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، މިމަހުގެ 13ވަނަ ދުވަހުގެ ނިޔަލަށް އެޤައުމުން 4،288 ފަތުރުވެރިންވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެހެންކަމުން ހަފްތާއެއްހާ ދުވަސްތެރޭ ޗައިނާއިން ރާއްޖެއަށްވަނީ 5،000އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ. ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު ކޯވިޑްގެ ކުރިން ހުރި މިންވަރަށްވުރެ ދެގުނަ އިތުރުކުރެއްވުމަކީ ސަރުކާރުގެ އަމާޒެކެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ނަންބަރު މާކެޓަށް ޗައިނާ މާކެޓް ހެދުމަށް މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައިވެސް ވަނީ އެދިވަޑައިގެންފައެވެ. ޗައިނާ ފަތުރުވެރިންގެ އަދަދުތައް އިތުރުވަމުންދާއިރު، މިމަހުގެ 19ވަނަ ދުވަހު، ޗައިނާގެ ހޮންގް ކޮންގް އެއަރލައިންސްގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށްވަނީ ފަށާފައެވެ. މިއާއެކު ޗައިނާއިން ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ އަދަދުވަނީ ހަތަރަށް އިތުރުވެފައެވެ. އެއީ ހޮންގް ކޮންގް އެއަރލައިން، ޝިޗުއާން އެއަރލައިން، ޗައިނާ އީސްޓަން އަދި ބެއިޖިން ކެޕިޓަލް އެއަރލައިނެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.