ގދ. ތިނަދޫ އާއި ގދ ކާޑެއްދޫ ބްރިޖަކުން ގުޅުވާލާ މަޝްރޫއުގެ ކޮންސަލްޓެންސީ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން އިއުލާން ކޮށްފިއެވެ.
އެ ވުޒާރާއިން މިއަދު އެކަން އިއުލާނުކޮށްފައިވަނީ މަދުވެގެން ދިހަ އަހަރު މަސައްކަތުގެ ތަޖުރިބާ ހުރި މީހުންނަށް ޝަރުތު ކަނޑައަޅާފައެވެ. އަދި މަސައްކަތާ ގުޅޭ ދާއިރާއިން މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ހުންނަން ޖެހޭނެކަމަށްވެސް ވަނީ ޝަރުތުކޮށްފައެވެ. އިއުލާނުގައި ކޮންސަލްޓެންސީ މަސައްކަތަށް ދޭނީ ސޮއިކުރާ ތާރީހުން ފެށިގެން 45 ދުވަސް ކަމަށް ބުނެފައިވާއިރު، ޝައުގުވެރިކަން ފާޅުކޮށް، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 31 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12 ކަމަށް ވެސް ބުނެފައިވެއެވެ.
މި މަސައްކަތާ ގުޅޭ ޓާމްސް އޮފް ރިފަރެންސްގައިވާ ގޮތުން މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ތިނަދޫ އާއި ކާޑެއްދޫއާ ދެމެދު މިހާރަށް ވުރެ ރައްކާތެރި ގޮތަކަށް ދަތުރު ކުރެވޭނެ ގޮތެއް ހަމަޖައްސައިދީ، އެއް ރަށުން އަނެއް ރަށަށް މީހުންނާއި މުދާ ގެންދިއުމަށް ހޭދަވާ ވަގުތު ކުޑަކުރުމެވެ.
އައްޑޫ ސިޓީ އާއި ގދ.ތިނަދޫގައި އެޅުމަށް ހަމަޖެހިފައިވާ ބްރިޖް މަޝްރޫއު އަށް ޗައިނާގެ އިންވެސްޓަރުން ހޯދުމަށް އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެދިވަޑައިގެންފައެވެ. "އިންވެސްޓް މޯލްޑިވްސް ފޯރަމް" ގެ ހަވާސާގެ ތެރެއިން ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ މިފޯރަމުގައި ރައީސް ވަނީ ހުށަހެޅުއްވި ކަންތައްތަކުގެ ތެރޭގައި އައްޑޫ އަދި ތިނަދޫގައި އަޅަން އެމަނިކުފާނު ވައުދުވެފައިވާ ބްރިޖް މަޝްރޫއަށް އިންވެސްޓަރުން ހޯދުން ހިމެނޭ ކަމަށާއި އައްޑޫ ބްރިޖް މަޝްރޫއަށް ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާރު ވެސް ކުންފުންޏަކުން ޕްރޮޕޯސަލް ހުށައަޅާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ހިތަދޫ އާއި ހުޅުމީދޫ 23 ކިލޯމީޓަރު ހުންނައިރު، ތިނަދޫ އާއި ކާޑެއްދޫގެ ދުރުމިނުގައި 4.4 ކިލޯމީޓަރު ހުރެއެވެ. އައްޑު ބްރިޖްގެ މަސައްކަތް ހަފްތާ 14 ގައި ހިމަނާފައިވާއިރު އެ މަސައްކަތަށް މިއަހަރުގެ ބަޖެޓުގައި 30 މިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.