މިސަރުކާރުގެ ވުޒާރާތަކަށް އައްޔަން ކޮށްފައިވާ ވަޒީރުންގެ ތެރެއިން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމަކީ ފިނޑި ނާތަހުޒީބު އަމަލެއް ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެއެވެ.
މިސަރުކާރުގެ 22 ވަޒީރަކަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް މިދިޔަ ޑިސެމްބަރު މަހުގެ 19 ދުވަހު ފޮނުވާފައިވާއިރު، ދައުރުން ބޭރުގައި މިއަދު ބާއްވާ ޖަލްސާގައި ރުހުން ދިނުމާއި ގުޅޭ ގޮތުން ވަނީ ބަހުސް ކޮށްފައެވެ.
މި ބަހުސްގައި ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު، އަލީ އާޒިމްގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް، އަދި ހޯރަފުށީ ދާއިރާގެ މެމްބަރު، އަހުމަދު ސަލީމް ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އެކަމާއި ގުޅިގެން ކުރެއްވި ޓުވިޓެއްގައި ޝައްމާން ވިދާޅުވީ، ސިޔާސީ ގޮތުން ހިޔާލުތަފާތު ވުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ޑިމޮކްރަސީގެ ރިވެތި އާދަތަކާއި ޢުސޫލުތަކުގައި ހިފަހައްޓަން ޖެހޭ ކަމަށެވެ. އަދި ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމަކީ ފިނޑި ނާތަހުޒީބު އަމަލެއް ކަމަށް ޝައްމާން ވިދާޅުވިއެވެ.
"ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން ހޮވިވަަޑައިގެންފައިވާ ވެރިއަކަށް ޤައުމު ހިންގުމަށް ފުރުސަތު ދޭން ޖެހޭ." ޝައްމާން ވިދާޅުވިއެވެ.
އެމްޑީޕިއާއި ޑިމޮކްރެޓްސްއިން ރުހުން ނުދޭން ނިންމާފައިވަނީ ސީދާ ކޮން ވަޒީރުންނަކަށް ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ. ނަމަވެސް މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް ނަސީމް ވަނީ މި ސަރުކާރުގެ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީ އާއި ބެހޭ ވަޒީރު ޑރ.އަލީ ހައިދަރު އަށް ރުހުން ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.