ދިވެހީން އާންމުކޮށް ބޭނުން ކުރަމުން އަންނަ ޕެނަޑޯލްއާ ގުޅޭގޮތުން މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ހަދަމުން އަންނަ ޓެސްޓުތަކަކާ ގުޅިގެން އެ ބޭސް ބޭނުންކުރުން މިހާރަށް ހުއްޓާލުމަށް އެ އޮތޯރިޓީން އަންގައިފިއެވެ.
އޮތޯރިޓީން ބުނީ ރާއްޖެ އެތެެރެކޮށް ވިއްކާ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމަށް 'ޕޯސްޓު މާކެޓް ސާވައިލަންސް ޕްލޭން' ހަަދައި ރޭންޑަމް ސާމްޕަލް ނަގައި ބޭހުގެ ކޮލިޓީޓިވް އަދި ކުއަންޓޭޓިވް ޓެސްޓުތައް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން މި ބޭހުގެ ސާމްޕަލެއް މާކެޓުން ނަގައި، ޓެސްޓު ކުރިއިރު ބޭހުގެ ބައެއް ގުޅަތައް ފުނޑުވެ ބޭސް ގުޅައިގެ ވަށައިގެން ތަންތަންކޮޅުން ނެއްޓިފައިވާކަން ފާހަގަކުރެވުނު ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
އޮތޯރިޓީން ބުނީ އާންމު ގޮތެއްގައި އެފަދަ މައްސަލަ ދިމާވަނީ ބޭސް ރައްކާތެރިކުރުމުގައި ފުރިހަމަކުރަންޖެހޭ މިންގަނޑުތައް ފުރިހަމަ ނުކުރުމުން ނުވަތަ، ބޭސް އުފެއްދުމުގައި ސަމާލުވާންވީ ކަންކަމަށް ނުބެލުމުން ކަމަށެވެ.
މިފަދަ ބޭހެއް ބޭނުންކުރުމުން އޭގެ އަސަރު އެންމެ އެކަށީގެންވާ ގޮތަށް ނުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެހެންވެ އެ ބޭހުގައި މައްސަލައެއް ވޭތޯ އިތުރަށް ބަލައި ދިރާސާކުރަމުން އަންނަކަމަށް ބުންޏެވެ. އަދި ތަހުގީގު ނިމެންދެން ފާމަސީތަކުން ބޭސް ނުވިއްކުމަށް ވަނީ އެދިފައެވެ. އަދި މިހާރު މި ބޭސް ރާއްޖެ އެތެރެކުރުން ވަގުތީ ގޮތުން މަނާކޮށްފައިވާކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
މީގެ އިތުރުން މިވަގުތު ގުދަންކުރެވިފައިހުރި މި ބޭހުގެ ސްޓޮކް ވަކިކުރުމަށްފަހު ރައްކާކުރަންޖެހޭ ފިނިހޫނު މިނުގައި ބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.