ހުސްވި ޖެނުއަރީ މަހު ރާއްޖެއަށް 190،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ޖެނުއަރީ މަހަށް ބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ޗައިނާ މާކެޓެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ނިމުނު ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 192،332 އެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު %11.6 ކުރިއެރުމެކެވެ. ޖެނުއަރީ މަހު އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައިސްފައިވަނީ އެމަހުގެ 13 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް 7703 ފަތުރުވެރިން ވަނީ އައިސްފައެވެ. ވަކިވަކި ޤައުމުތަކަށް ބަލާއިރު ޖެނުއަރީ މަހު އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ޗައިނާ މާކެޓެވެ. ޗައިނާ ވަނީ ގަދަ 2 ވަނައަށް އަރާފައެވެ. ސަރުކާރުން އަމާޒުހިފާފައިވަނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމަކަށް ޗައިނާ ހެދުމެވެ. ކޯވިޑްގެ ކުރިން ޗައިނާއަކީ ރާއްޖެއަށް 1 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ. ނަމަވެސް ސަރުކާރުގެ ޢަމާޒަކީ ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު ދެގުނަ އިތުރުކުރުމެވެ.

ޖެނުއަރީ މަހު އެންމެ ގިނައިން ފަތުރުވެރިން އައި 5 ޤައުމު:

* ރަޝިއާ – 20113 ފަތުރުވެރިން * ޗައިނާ – 19745 ފަތުރުވެރިން * އިޓަލީ – 19542 ފަތުރުވެރިން * އިނގިރޭސިވިލާތް – 16013 ފަތުރުވެރިން * އިންޑިއާ – 15005 ފަތުރުވެރިން

ރާއްޖެއަންނަ ފަތުރުވެރިން މިހާރު އެވްރެޖްކޮށް ރާއްޖޭގައި 7.9 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ. ސަރުކާރުން އަމާޒުހިފާފައިވަނީ މިއަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އަދި މިހާރު ފަތުރުވެރިން ރާއްޖެއަށް އަންނަ ނިސްބަތަށް ބަލާއިރު އެ ޢަދަދު 2.3 މިލިއަނަށް އަރާނެކަމަށް ލަފާކުރެވޭކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޓާމިނަލް މިއަހަރުގެ ތެރޭގައި ނިންމުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު މި ޓާމިނަލް ނިމި ބޭނުންކުރަން ފެށުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.