ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުގެ އެއްބަނޑު އެއްބަފާ ހަމައެކަނި ކޮއްކޯފުޅު ފާތުމަތު ސައުދ،ާ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމް ހުށަހަޅުއްވައިފިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލިހަށް ސައުދާ ވާދަކުރައްވަނީ ވެރިކަންކުރާ މައިޕާޓީ ޕީއެންސީގެ ޓިކެޓުގައެވެ. މަޖިލިހަށް ސަރުދާ ކުރިމަތިލެއްވުމަށް ހަމަޖެހިފައިވަނީ ފ. ނިލަންދޫ ދާއިރާއަށެވެ. ސައުދާ އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުއްވީ ދާއިރާގެ ގިނަ އަދަދެއްގެ ބަޔަކާ އެކުގައި އިލެކްޝަންސް ކޮމިޝަންގެ އިންތިހާބީ މަރުކަޒު، ދަރުބާރުގެއަށް ވަޑައިގެންނެވެ. ސައުދާ ފޯމް ހުށަހެޅުއްވީ އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާއަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވެވި ސައުދާ ވަނީ ސައިކޮލޮޖީން މަތީ ތައުލީމް ހާސިލް ކުރައްވައިފައެވެ. ސައުދާއަކީ ރައީސް ޑރ. މުއިއްޒުގެ ހުންނެވި ހަމައެކަނި ކޮއްކޯފުޅެވެ.

ސައުދާއަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ނުކުންނަވާ ދެ އަންހެން ބޭފުޅުންގެ ތެރެއިން އެކަކެވެ. ދެން ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވަނީ މާފަންނު މެދު ދާއިރާ އަށް ކުރީގެ އެ ދާއިރާގެ މެމްބަރު އަސްމާ ރަޝީދު (އަސްމާއްތަ)އެވެ.

ސައުދާ ސިޔާސީ ހަޔާތް އެންމެ ފުރަތަމަ ފެއްޓެވީ އަދާލަތު ޕާޓީންނެވެ. އެގޮތުން އަދާލަތު ޕާޓީގެ އަންހެނުން ކޮމިޓީގެ ރިލޭޝަންސް ސެކްރެޓަރީ ކަން ކުރެއްވިއެވެ. އެކަމަކު، ފަހުން އޭނާ ވަނީ އަދާލަތު ޕާޓީ ދޫކުރައްވައި، އޭރު ވެރިކަން ކުރި ޕީޕީއެމާ ގުޅިވަޑައިގެންފައެވެ. މީގެކުރިން ބޭއްވި ރިޔާސީ އިންތިހާބުތަކާއި މަޖިލިސް އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބުތައް ފަދަ އިންތިހާބުތައް ޕީޕީއެމަށް ކާމިޔާބުކޮށްދިނުމުގައި ސައުދާ ބުރަކޮށް މަސައްކަތް ކުރެއްވިއެވެ.