އިސްރަށްވެހިންގެ ފުރަތަމަ އިޖުތިމާއީ މަރުކަޒު، "އިސްރަށްވެހިންގެ ނާދީ" މާދަމާ ހުޅުވާ ގޮތަށް ނިންމައިފިއެވެ.

އިސްރަށްވެހިންނަށް މުޖުތަމައުގައި ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށް ދިނުމަށްޓަކައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އިސްރަށްވެހިންގެ އިޖުތިމާއިމަރުކަޒުތަކުގެ ތެރެއިން ފުރަތަމަ މަރުކަޒު ހުޅުއްވައި ދެއްވާނީ ރައީސް ޑރ. މުއިއްޒެވެ.

މި ރަސްމިއްޔާތު އޮންނާނީ އިސްރަށްވެހިންގެ ނާދީ ހަދާފަވާ ކީރިތި ގުރުއާނާ ބެހޭ މަރުކަޒު ކުރިން ހިންގި އިމާރާތުގައި މާދަމާ ހަވީރު 04:00 ގައެވެ.

އިސްރަށްވެހިންނަށް ހާއްސަ އިޖުތިމާއީ މަރުކަޒުތަކެއް ގާއިމުކުރަނީ މުޖުތަމައުގައި އިސްރަށްވެހިން އަދާކުރާ ދައުރު ފުޅާކުރުމާއި އިޖުތިމާއީ ކަންކަމުގައި އިސްރަށްވެހިންނަށް ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށް ދިނުމުގެ ބޭނުމުގައެވެ. އަދި އެ މީހުންގެ ނަފްސާނީ، އިޖުތިމާއީ ދުޅަހެޔޮކަން އިތުރު ކުރުމަށް މަގު ފަހިކޮށް ދިނުމުގެ މަގުސަދުގައިވެސްމެ އެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި އަދި މެދު ރާއްޖެތެރޭގައި، އިސް ރަސްވެހިންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ޔަގީންކުރުމަށްޓަކައި ކަނޑައެޅޭ ތަފާތު ހިދުމަތްތަކެއް ހިމެނޭގޮތަށް މަރުކަޒުތަކެއް ގާއިމު ކުރުމަށް މި ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވެއެވެ.