އައްޑޫ ސިޓީގެ ތަރައްގީއަށް ސަރުކާރުން މަސައްކަތް ކޮށްދެއްވާނީ ސިޓީގެ އިގުތިސާދީ ކުރިއެރުމަށް ކުރަން ހުރި ކަންކަމަށް އިސްކަން ދެއްވައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ މުއިއްޒު މިހެން ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ސިޓީ ކައުންސިލު އިދާރާގައެވެ. މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ފާހަގަކުރި ކަންކަމުގައި ތެރޭގައި

  • ޞިއްޙީ ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާކަމަށާއި ބޭސް ލިބުމުގައި ކުރިމަތިވާ ދަތިތައް
  • ފެނުގެ ޚިދުމަތް،
  • އިންޖީނުގެއާއި ކަރަންޓު ވިއުގައާއި ޕޯޓާއި ބައެއް ބަނދަރުތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް
  • ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް
  • ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ވަޞީލަތްތައް ތަރައްޤީކުރުން
  • ވަޒީފާގެ ފުރުޞަތު ތަނަވަސް ކުރުން
  • ހުޅުދޫމީދޫގެ ބިންހިއްކުމުގެ މަސައްކަތް ހުއްޓިފައި އޮތުން
  • މަގުހެދުމުގެ މަޝްރޫޢާ ގުޅޭގޮތުން

މީގެ އިތުރުންވެސް ދަނޑުވެރިންނާއި މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހިމެނޭހެން އައްޑޫސިޓީ އިޖުތިމާޢީ އަދި ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ގިނަ ކަންތައްތަކާ ގުޅޭގޮތުން ކައުންސިލްގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި އައްޑޫސިޓީގެ އ.ތ.މ. ކޮމިޓީގެ ފަރާތުން ވަނީ އައްޑޫސިޓީގެ އިޖްތިމާޢީ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި އ.ތ.މ. ކޮމެޓީއަށް މާލީގޮތުން ކުރިމަތިވާ ގޮންޖެހުންތައް ޚާއްސަގޮތެއްގައި ފާހަގަކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރެއްވި ހުރިހާ ކަންކަންކަމުގައި ވީއެންމެ ރަނގަޅަށް އެކަންކަމަށް ސަމާލުކަން ދެއްވައިގެން މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ. އަ ދި އެމަނިކުފާނުގެ ސަރުކާރުން އައްޑޫސިޓީގައި މަސައްކަތް ކޮށްދެއްވާނީ އެސިޓީގެ އިޤްތިޞާދީ ކުރިއެރުމަށް ކުރަންހުރި ކަންކަމަށް އިސްކަން ދެއްވައިގެންކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އައްޑޫސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާ ކުރައްވައިގެން ކުރިއަށް ގެންދިއުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.