އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ހުޅުމީދޫ ގުޅާލުމުގެ ގޮތުން އަޅަން ނިންމާފައިވާ ބްރިޖްގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، މަރަދޫ އަދި މަރަދޫފޭދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަދުޅުގައެވެ
މިއަދު މަރަދޫ ފޭދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވަނީ އައްޑޫ ސިޓީގައި އަޅަން ނިންމާފައިވާ ބްރިޖްގެ މަސައްކަތާއެކު އެ ސިޓީގެ ރައްޔިތުންނަށް އިގްތިސޯދީ ބޮޑެތި ކުރިއެރުންތައް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން އައްޑޫ ބްރިޖް މަޝްރޫޢުގެ ދިރާސާގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހިލޭ އެހީ ލިބިފައިވާކަމަށާއި، ދިރާސާތައް ނިންމާ ބުރިޖުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ. . ރައީސް ވިދާޅުވީ އައްޑުއަށް ސަރުކާރުން ގެންގުޅުއްވަނީ އިޤްތިޞާދީ އިސްކަންދެއްވުމުގެ ތަޞައްވުރެއްކަމަށެވެ. އެގޮތުން ހުޅުދޫ-ހުޅުމީދޫ ބްރިޖް މަޝްރޫޢުއާއި އައްޑޫ ސީޕްލޭން ހަބްގެ މަސައްކަތާއި ފަތުރުވެރިކަމަށް ސަރުކާރުން ކުރިއަށްގެންދަން ނިންމާފާއިވާ މަޝްރޫޢުއާއެކު މުޅި އައްޑޫ ސިޓީ ބަދަލުވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އައްޑޫ ބްރިޖާއި އެހެނިހެން މަޝްރޫޢުތައްވެސް ކުރިއަށްގެންދަވާނީ، އައްޑޫގެ ރައްޔިތުންނަށް އޭގެ މަންފާ އެންމެ ބޮޑުވާނެގޮތަށްކަމަށެވެ. އެގޮތުން މަޝްރޫޢުތައް ކުރިއަށްދާއިރު، ގުޅުންހުރި އިތުރު ޚިދުމަތްތައް ދިނުމަށް ދިވެހި ކުންފުނިތަކަށް ފުރުޞަތު ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "ބްރިޖްގެ ފީސިބިލިޓީ ސްޓަޑީ، ޑިޒައިން އެއީ ހިލޭ އެހީ. ބްރިޖް ޢަމަލީ މަސައްކަތް މިއަހަރު ފެށޭނެ. ސަރުކާރުން މަސައްކަތްކުރާނީ ވީހާވެސް އަވަހަށް ޕްރޮޖެކްޓްތައް ފަށަށް. ދަޢުރުގެ ފަހުކޮޅު މަސައްކަތް ފެށުމަކީ އެންމެ އެދެވޭގޮތެއް ނޫން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.