ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (ޕީސީއޯއެސް) އަކީ މިހާރަކަށް އައިސް ވަރަށް ގިނަ އަންހެނުންނަށް ދިމާވަމުން އަންނަ މައްސަލައެކެވެ. ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް އަކީ ހޯމޯނަލް އިމްބެލެންސް ވުމުގެ ސަބަބުން ދިމާވާ ކަމެކެވެ. އާންމުކޮށް މި ބަލި ޖެހެނީ ދަރިމައިވާ އުމުރުގެ އަންހެނުންނަށެވެ. އެ އުމުރުގެ އަންހެނުންނަށް އެންމެ ގިނައިން މެދުވެރިވާ ހޯމޯން ޑިސްއޯޑާއަކީ ވެސް ޕީސީއޯއެސް އެވެ.
ޕީސީއޯސް ބަލި ޖެހިފައިވާ މީހުންނަށް އާންމު ގޮތެއްގައި ކުރިމަތިވާ މައްސަލަތަކުގެ ތެރޭގައި މައްސަރުކަންތައް ގަވާއިދުން ނުޖެހުން، ބަރުދަން އިތުރުވުން، އޮށާޅަ ނެގުން އަދި ދަރިމައިނުވުން ހިމެނެ އެވެ. މީގެ އިތުރުން ޕީސީއޯއެސް ހުންނަ އަންހެނުންނަށް ހިތުގެ ބަލިތަކާއި ހަކުރު ބަލީގެ ނުރައްކާ ވެސް ވަރަށް ބޮޑެވެ.
ޕީސީއޯއެސްގައި ކިތަންމެ ބޮޑުވަރު ވިޔަސް އެކަމަށް ވަކި ހާއްސަ ފަރުވާއެއް މި ވަގުތު ނެތެވެ. އެއީ އެއްކޮށް ފަސޭހަކުރެވޭ ބައްޔެއް ވެސް ނޫނެވެ. އެކަމަކު، އެ މީހެއްގެ ކިބައިން ފެންނަ އަލާމާތްތަކަށް ލުޔެއް ހޯދައިދިނުމަށް ފަރުވާ ދެވެ އެވެ. ޕީސީއޯއެސްގެ އެންމެ ފުރަތަމަ ފަރުވާ އަކީ ދިރިއުޅުގެ އާދަ ބަދަލުކުރުމެވެ. އެންމެ ބޮޑަށް ސަމާލުކަން ދޭންވީ ކަމަކީ ކެއުމުގެ އާދަތަކެވެ. ކެއުމުގެ ލައިފްސްޓައިލް އަށް ރަނގަޅު ބަދަލުތަކެއް ގެނެސްގެން ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރެވިދާނެ އެވެ. ލޭގައި ހަކުރު ހުންނަ މިންވަރު މަތިވުމަކީ ޕީސީއޯއެސް ހުރުމުން ކުރިމަތިވާ އަލާމާތްތައް އިތުރަށް ބޮޑުވަރުކޮށްލާ ކަމެކެވެ.
ޕީސީއޯއެސް ހުންނަ އަންހެނުންގެ ހަށިގަނޑުގައި އިންސުލިންގެ ލެވެލް ހުންނަނީ މަތިކޮށެވެ. މިއަށް ކިޔައި އުޅެނީ އިންސުލިން ރެސިސްޓެންސް އެވެ. އިންސުލިން އަކީ ޕެންކްރިއަސް އިން ލޭގައި ހުންނަ ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުމަށްޓަކައި ދޫކުރާ ހޯމޯން އެކެވެ. އިންސުލިންސް ރެސިސްޓަންސް ދިމާވަނީ އެކި ސަބަބުތަކާ ހެދި މި ހޯމޯން ހަށިގަނޑުން ރިޖެކްޓު ކުރަން ފަށައި ލޭގައި ހުންނަ ހަކުރުގެ މިންވަރު ކޮންޓްރޯލް ނުވެދިއުމުންނެވެ.
ހަށިގަނޑުން އެންމެ ގިނައިން އިންސުލިން ހޯމޯން ދޫކުރަނީ ކާބޯހައިޑްރޭޓްސްގެ ތެރޭ ހިމެނޭ އެއްޗެހި ކެއުމުންނެވެ. ގިނަ މީހުންގެ ނޯމަލް ޑައިޓުގައި ހިމެނޭ ސީރިއަލް، ހުދު ބަތް، ޕާސްތާ، ކުކީސް ފަދަ އެއްޗިއްސަކީ ކާބޯހައިޑްރޭޓްސް ހައި އެއްޗިއްސެވެ. އެހެންކަމުން އިންސުލިން ކޮންޓްރޯލް ކުރުމަށް ކާބޯހައިޑްރޭޓްސް ލިމިޓް ކުރަން ޖެހެއެވެ. އޭގެ ބަދަލުގައި ޕްރޮޓީން ރިޗް ފުޑްސް ޑައިޓުގައި ހިމަނާށެވެ.
މީގެން ފާހަގަކޮށްލަންޖެހޭ މުހިއްމު ޕޮއިންޓަކީ ހެނދުނު ހެނދުނާ ހުސްބަނޑާހުރެ ސައިބޯން އުޅޭއިރު ކެވޭ އެއްޗިއްސަށް ސަމާލުވުމެވެ. އެގަޑީ ކާބޯހައިޑްރޭޓްސް ރިޗް އެއްޗިސް ކެއުމާ ދުރުވާށެވެ. މީގެ އިތުރުން ރޭގަނޑުގެ ކެއުން އަވަހަށް ނެގުމަކީ ވެސް އިންސުލިން ކޮންޓްރޯލް ކުރުމުގައި އެހީތެރިވެދޭ ކަމެކެވެ. ނިދުމުގެ ތިން ހަތަރު ގަޑި އިރު ކުރިން ރޭގަނޑުގެ ކެއުން ނެގުމަށް އާދަކުރުން މުހިއްމެވެ.
ޑައިޓަށް ސަމާލުވުމުގެ އިތުރުން ދުޅަހެޔޮ ދިރިއުޅުމަކަށް ކަސްރަތު ކުރުމަކީ ވެސް އެހާމެ މުހިއްމު ކަމެކެވެ. ހަގީގަތުގައި ހަށިގަނޑުގެ ދުޅަހެޔޮކަން އަންނަނީ ބަރުދަނަކުން ނޫނެވެ. އެކަން ވަނީ ހަށިގަނޑު ގުދުރަތީ ގޮތުން މަސައްކަތް ކުރަންޖެހޭ ގޮތަށް މަސައްކަތް ކުރަން ފެށުމުންނެވެ. ގަވާއިދުން ކަސްރަތު ކުރުމަކީ އިންސުލިން ކޮންޓްރޯލްވެ ލޭގައި ހުންނަ ހަކުރުގެ މިންވަރު ވެސް ދަށްކޮށްދޭ ކަމެކެވެ. ކަސްރަތަކީ ހިތުގެ ފަންކްޝަންސްތައް ވެސް ވަރުގަދަކޮށްދީ ރަނގަޅަށް ނިދުމުގައި ވެސް އެހީތެރިވެދޭ ކަމެކެވެ. ކަސްރަތު ކުރުމަކީ ހަމައެކަނި ޖިމް އަކަށް ގޮސްގެން ވެއިޓްސް އުފުލައި ހެދުމެއް ނޫނެވެ. ގޭ ތެރޭގައި ވެސް ކަސްރަތު ކުރެވިދާނެ އެވެ. ހެނދުނު ހެނދުނާ ހިނގާލަން ދިއުމަކީ ވެސް ހަށިގަނޑަށް ފައިދާ ކުރާ ކަސްރަތެކެވެ.
ޕީސީއޯއެސް އަކީ ކްރޮނިކަލް މައްސަލައަކަށް ވާތީ އެކަން ތަހައްމަލުކުރާ މީހުންނަށް އެކި އުނދަގޫތައް ކުރިމަތިވެއެވެ. ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންނެވެ. މިއީ ގިނަ އަންހެނުންނަށް ދިމާވާ މައްސަލައަކަށްވީހިނދު ދިރިއުޅުމުގެ ލައިފްސްޓައިލް އަށް ބަދަލުތަކެއް ގެނެސްގެން އެ ބަލިން ދިމާވާ މައްސަލަތަކާ ދުރުވެވޭ ކަން ނުވަތަ ލުއިކުރެވޭކަން އެބައިނގެއެވެ. ބޭނުންވަނީ ހިތްވަރެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.