ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް، ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް އެކަށީގެންވާ މުއްދަތެއް ދޭން ޖެހޭނެކަމަށާއި ކުޑަމުއްދަތެއްގެ ތެރޭގައި އިންތިހާބެއް ބާއްވައި ސަރުކާރު ބަދަލުކުރުމާމެދު ރައްޔިތުން ވިސްނާލަން ޖެހޭ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް ޝަރީފް މިހެން ވިދާޅުވީ މިއަދު މަރަދޫ އާއި މަރަދޫ ފޭދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އާދަމް ޝަރީފް ވިދާޅުވީ ހުރިހާ މަޝްރޫއުއެއް އެއްފަހަރާ އެއްދުވަހަކުން އެއްވަގުތަކުން ނުފެއްޓޭނެކަން އެންމެން ވެސް ޤަބޫލުކުރަން ޖެހޭނެ ކަމަށާއި ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް އެކަށީގެންވާ މުއްދަތު ރައީސް ޑރ. މުއިއްޒަށް ދެއްވަން ޖެހޭނެ ކަމަށެވެ.

ޤާބިލު ބޭފުޅަކު ވެރިކަމުގައި ހުންނަވައިފިނަމަ 10 އަހަރު ދޭން ވެސް އެއްވެސް މީހަކު ފަސްޖެހިގެން ނުވާނެ ކަމަށާއި ރައީސް ޑރ. މުއިއްޒަކީ މަސައްކަތަށް ޤާބިލު ރައީސެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ވަޒީރު އާދަމްޝަރީފުގެ ވާހަކައިގައި ވިދާޅުވީ ރައީސް މިއަދު ފައްޓަވައިގެން އުޅުއްވާ މަޝްރޫއުތަކަކީ ހަމަ ހަޤީޤަތުގައި ވެސް ރާއްޖޭގެ މިއަދުގެ ނިސްބަތުގައި ރައްޔިތުންނަށް ލިބޭ އާމްދަނީއާ، ހުރިހާ ކަމަކަށް އަޅާބަލާއިރު ވަރަށް ބޮޑެތި ބިޔަ މަޝްރޫއުތަކެއްކަމަށެވެ. އަދި ރައްޔިތުން  ހުރިހާ މަޝްރޫއެއް އެއްދުވަހަކާއި އެއްފަހަރަކާ ނުފެއްޓޭނެކަން ޤަބޫލުކުރަންވާނެކަން ފާހަގަކުރައްވައި ވަޒީރު އާދަމްޝަރީފު ވިދާޅުވީ  މިހާރު އެ ފައްޓަވަން ހިޔާލު ކުރައްވާފަ ހުރި މަޝްރޫއުތައް ވެސް ތިން ހަތަރު ފަސް އަހަރަކުން ނުނިމޭނެކަން ޤަބޫލުކުރަން އެބަޖެހޭ ކަމަށެވެ.