2021 ވަނަ އަހަރުގެ އައިޖީއެސްސީ އިމްތިހާންގައި ބައިވެރިވެ ކެމިސްޓްރީން އޭ ސްޓާއެއް ހޯދާފައިވާ އުމުރުން އެންމެ 10 އަހަރުގައި ހުޅުމާލޭ ހުރަވީ ސްކޫލްގައި ކިޔަވަމުން އަންނަ ރަޔާން ރިޔާޒް އަބްދުލްވާހިދު ހޯދާފަިވާ ކާމިޔާބީ ފުލުހުންގެ ފަރާތުން ފާހަގަކޮށް، މަރުހަބާ ކިޔައި، ރަޔާނަށް ފުލުހުންގެ ފޮރެންސިކް ލެބޯޓްރީގައި "މަސައްކަތް" ކުރުމުގެ ފުރުސަތު ދީފިއެވެ.
ފުލުހުން ކުރި ޓްވީޓެއްގައި ވިދާޅުވީ "ޖީނިއަސް ރަޔާންއަށް" ފުލުހުންގެ މުއްސަސާއިން މަރުހަބާ ކިޔާ ކަމަށެވެ. ރަޔާން ވަނީ ފުލުހުންގެ ފޮރެންސިކް ލެބޯޓްރީގައި މަސައްކަތްތައް ކުރިއަށްދާ ގޮތް ބަލާލުމުގެ އިތުރުން ބައެއް "މަސައްކަތްތައް" ކޮށްފައި ކަމަށް ފުލުހުންގެ ޓްވީޓްގައި ވިދާޅުވިއެވެ.
ދިހަ އަހަރުގެ ރަޔާން ވަނީ އަޅުގަނޑުމެން އެންމެން ފަހުރުވެރިކޮށްދީފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އިތުރު ކާމިޔާބީ ހޯދުމަށް މަސައްކަތް ކުރުމަށް ފުލުހުން ރަޔާނަށް ހިތްވަރު ދީފައި ވެއެވެ. https://twitter.com/PoliceMv/status/1428565510484942853?s=20 މިފަޚުރުވެރި ކާމިޔާބު ހޯދާފައިވާ ރަޔާން އަކީ އޯޓިޒަމް ކުއްޖެކެވެ. ރަޔާންއަށް އޯލެވެލްގައި އާދަޔާއި ހިލާފު ބޮޑު ކާމިޔާބެއް ހޯދައި ދިނުމުގައި އޭނާގެ މަންމަ އައިޝަތު ޔުމްނާގެ ދައުރު ވަރަށް ބޮޑެވެ. ޔުމްނާ އަކީ ހުރަވީ ސްކޫލްގެ ކެމިސްޓްރީ ޓީޗަރެކެވެ. ނަމަވެސް ރަޔާން އޯލެވެލް އިމްތިހާންގައި ބައިވެރި ކުރީ މިފަދަ ކާމިޔާބެއް ލިބިދާނެކަމަށް ހީކޮށްގެން ނޫންކަމުގައި ޔުމްނާ ބުނެއެވެ، ރަޔާންގެ މަންމަ ބުނެފައިވާ ގޮތުގައި ޔާން އަކީ ހުސްވަގުތު ބޭކާރު ކުރާ ކުއްޖެއް ނޫނެވެ. ވަގުތެއް ލިބިއްޖެނަމަ އިންޓަނެޓުން އަމިއްލައަށް އެއްޗެހި ހޯދައިގެން ޕްރެޒެންޓޭޝަނާއި އެކްސްޕެރިމެންޓް ހަދާ ކަމަށް ރަޔާންގެ މަންމަ ބުންޏެވެ. ކުރިއަށް އޮތްތަނުގައި އެހެން މާއްދާތަކުން ވެސް ރަޔާން އޯލެވެލް އިމްތިހާންގައި ބައިވެރިކުރަން ޔުމްނާ މިހާރު ވަނީ ނިންމާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.