ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ބޮޑު އެއް ހަރަކާތް ކަމަށްވާ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) އެކްސްޕޯ އަންނަ މަހުގެ 7 އިން 9 އަށް ބޭއްވުމަށް ހުރިހާ ތައްޔާރީތަކެއް ވެއްޖެއެވެ. މި އަހަރުގެ އެގްޒިބިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި އަލަށް ހުޅުވާ މެންހަޓަން ގްރޭންޑް ހޮޓަލުގައެވެ. މިއީ އެ ހޮޓާ ރަސްމީކޮށް ހުޅުވުމަށްފަހު އެތަނުގައި ބާއްވާ ފުރަތަމަ ބޮޑު ހަރަކާތެވެ.

މި އަހަރުގެ އެގްޒިބިޝަންގެ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ 700 އަށްވުރެ ގިނަ ޝެފުން ބައިވެރިވާ ގްލޯބަލް ކަލިނަރީ ޗެލެންޖެވެ. މިއީ ވޯލްޑް ޝެފްސްއިން އެންޑޯޒްކޮށްފައިވާ، ރާއްޖޭގައި ބާއްވާ މިފަދަ ހަމައެކަނި ގައުމީ މުބާރާތެވެ. މި މުބާރާތުގެ ތަފާތު ކެޓަގަރީތަކުގައި ރާއްޖޭގެ އެންމެ ހުނަރުވެރި ޝެފުންގެ އިތުރުން ސަރަހައްދީ ފެންވަރުގެ ޝެފުންވެސް ވާދަކުރާނެއެވެ.

އެފްއެޗްއޭއެމުން ލަފާކުރާ ގޮތުގައި މި ހަރަކާތުގައި 120 އަށްވުރެ ގިނަ ރިސޯޓާއި ހޮޓާ ތަމްސީލުކުރާ ފަރާތްތަކާއި، 100 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވާނެއެވެ. ކަލިނަރީ ޗެލެންޖުގެ އިތުރުން ބަރިސްޓާ ޗެމްޕިއަންޝިޕް، މޮކްޓެއިލް ކޮމްޕެޓިޝަން އަދި ހައުސްކީޕިން އެންޑް ބެޑް ޑެކަރޭޝަން ޗެލެންޖު ފަދަ ޝައުގުވެރި މުބާރާތްތައްވެސް ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާނެއެވެ.

މި އަހަރުގެ އެކްސްޕޯގެ ޓައިޓަލް ސްޕޮންސަރަކީ ލިލީ އިންޓަނޭޝަނަލްއެވެ. ގްލޯބަލް ކަލިނަރީ ޗެލެންޖުގެ މެއިން ސްޕޮންސަރަކީ ނެސްލޭއެވެ. އަދި ކޯ-ސްޕޮންސަރެއްގެ ގޮތުގައި ސިމްޑީ ބައިވެރިވާއިރު، ބަރިސްޓާ އަދި މޮކްޓެއިލް ޗެމްޕިއަންޝިޕުގެ މެއިން ސްޕޮންސަރަކީ ޔޫރޯ މާކެޓިންއެވެ. މީގެ އިތުރުން މިފްކޯ، ދުނާރު، ނެސްކެފޭ އަދި މެގީ ފަދަ މަޝްހޫރު ބްރޭންޑްތަކުން މި ހަރަކާތަށް އެހީތެރިކަން ފޯރުކޮށްދެއެވެ.

އިންތިޒާމުކުރާ ފަރާތުން ބުނާ ގޮތުގައި މި މައުރަޒަކީ ކާބޯތަކެއްޗާއި، ބަދިގެއަށް ބޭނުންވާ ސާމާނާއި، ހޮސްޕިޓަލިޓީ ޓެކްނޮލޮޖީގެ އިތުރުން ވެލްނެސް އުފެއްދުންތަކުގެ އެންމެފަހުގެ އީޖާދުތައް ދައްކާލުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިމަގު ބައްޓަން ކުރުމަށާއި، ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް ލިބޭ މުހިންމު ޕްލެޓްފޯމެކެވެ.