ސިއްހީ ބޭނުންތަކަށް އެކި ޓެސްޓްތައް ހަދަން ބޭނުންވާ ލެބޯރެޓަރީ ގާއިމުކުރުމުގެ މަސައްކަތް 4 ރަށެއްގައި މިހަފްތާ ތެރޭގައި ފަށާނެކަމަށް މިނިސްޓަރ އޮފް ހެލްތު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ހެލްތު މިނިސްޓަރ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ހުވަދޫ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަޑަވެއްޔަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައެވެ. ރައީސުލްޖުމްހޫރިއްޔާ ގދ.މަޑަވެލީ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ ޚަލީލް ވިދާޅުވީ ރަށްރަށުގައި ލެބޯރެޓަރީގެ ޚިދުމަތް ޤާއިމުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަމަށެވެ. އެހެންކަމުން މިވަޢުދުގެ ދަށުން ލެބޯރެޓަރީ ޤާއިމުކުރުމުގެ މަސައްކަތްކުރަމުންދާކަމަށާއި، މިގޮތުން މިހަފްތާގެ ތެރޭގައި 4 ރަށެއްގައި ލެބޯރެޓަރީ ޤާއިމުކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ގދ.މަޑަވެލީގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށްވެސް މަސައްކަތްތަކެއް ކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ. މިގޮތުން މަޑަވެލީގައިވެސް ލެބޯރެޓަރީގެ ޚިދުމަތް ފުޅާކުރުމަށް ނިންމަވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.