ސްކޫލްތަކާއި ބެލެނިވެރިން އިސްނަގައިގެން ދަރިވަރުންނަށް ތާރީޚީ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް އިލްތިމާސްކުރައްވައިފިއެވެ.
މިފަދައިން އިލްތިމާސްކުރެއްވީ، ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ހެރިޓޭޖް މިނިސްޓްރީ އާއި ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް (އެން.ސީ.އޭ) ގުޅިގެން ބޭއްވި ކުރެހުމާއި ފޮޓޯގްރަފީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ދެއްކެވި ވާހަކައިގައެވެ.
މިނިސްޓަރު ވިދާޅުވި، ދަރިވަރުންގެ މެދުގައި ޤައުމީ ރޫޙު އާލާކުރުމަށާއި، ރާއްޖެއަށް މިނިވަންކަން ހޯދައިދިނުމަށް މަސައްކަތް ކުރެއްވި ބަތަލުންގެ ޒިކުރާ އާކުރުމަށް މިފަދަ މުބާރާތްތަކަކީ ނުހަނު މުހިންމު ވަސީލަތްތަކެކެވެ. މުބާރާތުގައި ބައިވެރިވި ކުދިންގެ ކުރެހުންތަކާއި ފޮޓޯތަކަށް ތަޢުރީފު ކުރައްވާ މިނިސްޓަރު ވިދާޅުވި، އެ ތަސްވީރުތަކުން ފެނިގެންދަނީ، ޒުވާން ޖީލުގެ ހިތްތަކުގައި ޤައުމަށް އޮތް މަތިވެރި ލޯތްބާއި، ޤައުމީ ކަންކަމުގައި އެ ކުދިންގެ ހުރި ފުން ޝުޢޫރުތައް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޤައުމިއްޔަތު އާލާކުރުމަށް ދެއްވާ އަހައްމިއްޔަތު ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައިވެސް މި އަމާޒަށް ވާސިލުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. ޚާއްޞަކޮށް ޤައުމީ ޚިދުމަތްތެރިންގެ އަގުވަޒަންކުރުމާއި، މުޖުތަމައުގެ ބަދަހިކަން އިތުރުކުރުމަށް ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ކާބަފައިން މި ޤައުމުގެ މިނިވަންކަމަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ ނަމޫނާގައި ހިފެހެއްޓުމަށް ހުރިހާ ދަރިވަރުންނަށް އިލްތިމާސްކުރައްވާ މިނިސްޓަރު ވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ކަރާމާތް ދަމަހައްޓައި، އަމާނާތްތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް މި ޤައުމު ފޯރުކޮށްދިނުމަކީ ކޮންމެ ދަރިވަރެއްގެވެސް ޒިންމާއެއް ކަމަށާއި، އެކަމަށްޓަކައި އަޒުމް ކަނޑައަޅައިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.
ޤައުމީ ބަތަލުންނަށް ކުޑައިމީސްކޮށް ބަސްބުނާ ބައެއް ފަރާތްތަކުގެ އަމަލުތަކަށް ފާޑުވިދާޅުވަމުންނެވެ. އެފަދަ ނުރަނގަޅު އާދަތަކުން ދުރުހެލިވެ، ޤައުމަށްޓަކައި ޖިހާދުވި އަބްޠާލުންގެ ޒިކުރާ އާލާކުރުމަށް ސްކޫލްތަކާއި ބެލެނިވެރިން އިސްނަގައިގެން ދަރިވަރުންނަށް ތާރީޚީ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް މިނިސްޓަރު ޝަފީޢު އެދިވަޑައިގެންނެވިއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.