ހއ. ބާރަށުގައި ބޮޑުތަކުރުފާނު ޖެއްސެވި ކަމަށް ބުނާ ކަޑައިން ހެދި ބޮޑުވެފައި ހުރި ޒަމާންވީ ތާރީޚީ ބިޔަ ކާނިގަހުގައި ބަޔަކު ރޯކޮށްލައިފިއެވެ.
މިއީ އެތަކުރުފާނު ކަޅުއޮށްފުންމި އަލަށް ބަންނަވަން، ރިޔާ ފައްސަވަން ޖެއްސެވި ކަޑައެއްކަމަށްވެއެވެ.

ބާރަށު ކައުންސިލު ނައިބުރައީސް އަލީ އަމީޒު "ހުވަދޫ"ނޫހަށް މައުލޫމާތުދެމުން ވިދާޅުވީ، އެ ގަހުގައި ރޯވެފައިހުރިކަމުގެ މައުލޫމާތު ކައުންސިލަށް ލިބުނީ ރޭ ދަންވަރު 3:30 ހާއިރު ރަށުތެރޭގައި ޕެޓްރޯލުކުރަމުން ދިޔަ ފުލުސް ކުދިންގެ ފަރާތުން ކަމަށެވެ. އަދި ހަބަރު ލިބުމާއެކު ކައުންސިލާއި ފުލުހުން އަދި އާންމު ރައްޔިތުން ގުޅިގެން ގަހުގައި ރޯވެފައި ހުރި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ކުރި ކަމަށެވެ.
އަލިފާންގަނޑު ނިއްވާލެވުނީ ހެނދުނު ހަތެއް ޖަހާކަށްހާއިރުކަމަށްވެސް ކައުންސިލު ނައިބުރައީސް ވިދާޅުވިއެވެ.

އެ ގަހުގެ ވަރަށް ބޮޑުބައި ހިކިފަ ހުރުމުގެސަބަބުން ގަހުގެ ވަރަށް ބޮޑުބައި އެއްކޮށް ކަހަލަ ގޮތަކަށް ހުރީ އަނދާއި ކަމަށްވެސް އަމީޒު ވިދާޅުވިއެވެ.

އެކަން ކުރި ބަޔަކު އަދި އެނގިފައި ނުވާކަމަށާއި އެހެންނަމަވެސް އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ފުލުހަށް މައްސަލަ ހުށަހަޅަން ވަނީ ނިންމައިފައެވެ.

ބާރަށު އީދުކުޅޭ މަގުގައި ހެދި ބޮޑިވެފައި ހުރި ޒަމާންވީ އެ ގަހަކީ 400 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ގަހެއްކަމަށް ރާއްޖޭގެ ތާރީހު ދިރާސާ ކުރައްވާ ފަރާތްތަކުން ހާމަކޮށްފައިވެއެވެ.