އަޖޭ ދޭވްގަން ލީޑް ރޯލުން ފެނިގެންދާ "ޝައިތާން" އަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން މުމްބާއީގެ ގިނަ މަލްޓިޕްލެކްސްތަކުން ފިލްމުގެ މިޑްނައިޓް ޝޯތައް ބާއްވަން މަޖުބޫރުވެއްޖެ އެވެ.

ޑައިރެކްޓަރު ވިކާސް ބަހްލްގެ ސުޕަނެޗުރަލް ތުރިލާ "ޝައިތާން" މިވަނީ އެންމެން އުންމީދު ކުރިވަރަށްވުރެ މައްޗަށް ގޮސް، އިންޑިއާގެ ބޮކްސް އޮފީހުގައި ހަމައެކަނި އިއްޔެ މިވަނީ 15.21 ކްރޯޑް ރުޕީސް ހޯދައިފަ އެވެ.

އަޖޭ ދޭވްގަން، އާރް މާދަވަން، ޖޯތިކާ އަދި ޖަންކީ ބޮޑިވާލާ ލީޑް ރޯލުން ފެނިގެންދާ މި ފިލްމު އިއްޔެ އަޅުވާފައިވާއިރު ގިނަމީހުންގެ ތަރުހީބު މިފިލްމަށް ދަނީ ލިބެމުންނެވެ. އަދި ފިލްމު ބަލަން ބޭނުންވާ މީހުން ގިނަވުމުން މުމްބާއީގެ ގިނަ ސިނަމާ ހޯލްތަކާއި މަލްޓިޕްލެކްސްތަކުން މިއަދުން ފެށިގެން މިޑްނައިޓް ޝޯތައް އިތުރުކުރަން ވަނީ މަޖުބޫރުވެފައެވެ.

ރޭގަނޑު 11:55 ގައި ފަށާ ލެޓް ޝޯތައް މުޅި މުމްބާއީގައި މިވަގުތު ފެންނަނީ ވަރަށް ފޯރިގަދަކޮށެވެ. މީގެ އިތުރުން ސިނެޕޮލިސް އަންދެރީ، މައިސަން އިނޮކްސް ބީކޭސީ އަދި މޫވީމެކްސް މީރާ ރޯޑް ފަދަ މަލްޓިޕްލެކްސްތަކުގައި ރޭގަނޑު 11:59 ގެ ނިޔަލަށް ޝޯތައް ހިމަނާފައިވެ އެވެ. އޭގެ އިތުރުން އޮންލައިން ޓިކެޓް ބުކިން ވެބްސައިޓަށް ބަލާލުމުން މި ޝޯތައް ވަރަށް ފުރިފައިވާކަން އެނގެ އެވެ.