1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކުޅިވަރުގެ ނޫސްވެރިޔާ ސާއިދުގެ ހާލު ދެރަވެ އައިސީޔޫގައި ފަރުވާދޭން ފަށައިފި

ކުޅިވަރުގެ ނޫސްވެރިޔާ ސާއިދު ޑައިލިސިސް ހަދަނީ
ނަދީމް އަލީ
534ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހިރާއްޖޭގެ އަޑާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ކުޅިވަރު ޓީމުގައި ހިމެނޭ ކުޅަދާނަ ނޫސްވެރިޔާ ސާއިދުގެ ހާލު ވަރަށް ބޮޑަށް ދެރަވެ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

ގދ. ތިނަދޫއަށް އުފަން ސާއިދަކީ ދެ ކިޑްނީ ފެއިލްވެފައިވުމުގެ ސަބަބުން، ގަވާއިދުން ޑައިލިސިސް ހަދަމުން އަންނަ ފަރާތެކެވެ. ސާއިދުގެ އާއިލާއިން މައުލޫމާތު ދީފައިވާ ގޮތުގައި، އޭނާގެ ހާލު ކުއްލިއަކަށް ދެރަވީ މިއަދު އާދައިގެ މަތިން ޑައިލިސިސް ހަދަން ހޮސްޕިޓަލަށް ގޮސް އުޅެނިކޮށެވެ.

"އޭނާ ދާނެ ކޮންމެ ދުވަހަކު ޑައިލިސިސް ހަދަން، މިއަދުވެސް ޑައިލިސިސްއަށް ގޮސް ހުއްޓާ ހާލުދެރަވެގެން އައިސީގައި މިހާރު އޮތީ. އުއްމީދު ކަނޑާލާފައިވާ ކަމަށް ޑޮކްޓަރުން ބުނަނީ." ސާއިދުގެ އާއިލާއިން ބުންޏެވެ.

300 × 250

ސާއިދުގެ އާއިލާއިން މައުލޫމާތު ދެމުން ބުނެފައިވަނީ، މިއަދު ޑައިލިސިސް ހަދަން ގޮސް ހުއްޓާ ހާލު މާބޮޑަށް ދެރަވެގެން އައިސީޔޫއަށް ބަދަލުކުރީ ކަމަށެވެ. އަދި ސާއިދުގެ ހާލަތާ މެދު ޑޮކްޓަރުން މިހާރު އުއްމީދު ކަނޑާލާފައިވާ ކަމަށްވެސް އާއިލާއިން ވަނީ ހިތާމައާއެކު ފާހަގަކޮށްފައެވެ.

ސާއިދުގެ ދެ ކިޑްނީވެސް ފެއިލްވެފައިވާކަން އެނގުނީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އިންފެކްޝަނެއް އުފެދިގެން ޑޮކްޓަރަށް ދެއްކުމުންނެވެ. އޭގެ ފަހުން އޭނާ ދަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދަމުންނެވެ. އަދި ކޮންމެ ދެ ދުވަހުން އެއް ދުވަހު އޭނާ ޑައިލިސިސް ހަދަން ޖެހެއެވެ.

އައިޖީއެމްއެޗްގައި ސާއިދަށް އަވަސް ފަރުވާ ދެމުންދާއިރު، އޭނާގެ ބައްޕަ ފިޔަވައި އާއިލާގެ ހުރިހާ މެންބަރުން މިވަގުތު ތިބީ މާލޭގައެވެ.

ސާއިދު ނޫސްވެރިކަމުގެ ދާއިރާއަށް ނުކުތީ 2009 ވަނަ އަހަރު ސަން އެފްއެމް އިންނެވެ. އޭނާ ޕީއެސްއެމްއާ ގުޅުނީ 2015 ވަނަ އަހަރުއެވެ. ސާއިދަކީ ފުޓްބޯޅަ ކޮމެންޓްރީ ދިނުމުގެ އިތުރުން، ކުޅިވަރުގެ ތަފާތު ޕްރޮގްރާމްތައް ޕްރޮޑިއުސްކޮށް ޕްރެޒެންޓް ކުރުމުގައި އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ހުނަރުވެރި ނޫސްވެރިއެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި