ރާއްޖޭގައި އޮތް އިންޑިއާގެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރަމުން ދިޔަ އެގައުމުގެ ސިފައިންގެ ފުރަތަމަ ބެޗް ރާއްޖެއިން ފައިބައިފާވާކަން އެގައުމުއިން ކަށަވަރު ކޮށްދީފިއެވެ.

ކޮންމެ ހަފްތާއަކު ބާއްވަމުން އަންނަ ޕްރެސް ބްރީފިންގައި ހުކުރު ދުވަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ (އެމްއީއޭ)ގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ ބަދަލުކުރަން ޖެހުނު ފުރަތަމަ ބެޗް މިހާރު ބަދަލުކޮށް ނިމިފައިވާ ކަމުގައެވެ.

"ފުރަތަމަ ބެޗް ރިޕްލޭސް (ބަދަލުކޮށް) މިހާރުވަނީ ނިމިފަ."އޭނާ ވިދާޅިވިއެވެ.

ރާއްޖޭގަ ތިބި އިންޑިއާ ސިފައިންގެ ތެރެއިން އެންމެ ފުރަތަމަ ފައިބައިފައިވަނީ، އައްޑޫގައި އޮތް ހެލިކޮޕްޓަރ މަރާމާތަށް ގެންދިއުމަށް އާ ހެލިކޮޕްޓްރ ހިފައިގެން އައްޑުއަށް އައި މަނަވަރު އެނބުރި ދިޔައިރު އައްޑޫގައި ތިބި އިންޑިއާފައިންނެވެ. އިންޑިއާއިން އައްޑޫގައި އޮޕަރޭޓް ކުރަމުންދާ މަނަވަރު މަރާތަށް ފޮނުވާލަން ޖެހޭތީ ބަދަލުގައި ބޭނުންކުރާ ހެލިކޮޕްޓަރ ހިފައިގެން އައި އިންޑިއާގެ އަސްކަރީ މަނަވަރު އައްޑޫގައި ބަދަނރު ކޮށްފައިވަނީ ފާއިތުވި ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ. ބަދަލުގައި ބޭނުން ކުރުމަށް ގެނައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް ހަމަޖެހިފައިވަނީ މަދަނީ މީހުންނެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި މަދަނީ ޓެކްނިކަލް ސްޓާފުން ގެންނަން ނިންމާފައިވާ ކަމަށާއި، އިންސާނީ ހިދުމަތް ދޭ ތިން މަތިންދާ ބޯޓު އިންޑިއާގެ ފަރާތުން އޮޕަރޭޓް ކުރާނީ އެމީހުން ކަމަށް އިންޑިއާއިންވެސް ވަނީ ބުނެފައެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ވިދާޅުވެފައިވަނީ، ދެ ގައުމެއްގެ އޮފިޝަލުން ނިއުދިއްލީގައި ބައްދަލުކޮށް އިންޑިއާއިން މާރޗްމަހުގެ 10 ވަނަ ދުވަހު ރާއްޖެއިން ސިފައިން ބާލަން ފަށައި، މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެ މަސައްކަތް ނިންމާނެ ކަމަށް އެއްބަސްވެފައިވާ ކަމަށެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ފާއިތުވި ފެބްރުއަރީމަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިންޑިއާގެ އަސްކަރިއްޔާގެ ސިފައިންގެ ބަދަލުގައި އިންޑިއާގެ ގާބިލް ފަންނީ މީހުން ވައިގެ އުޅަނދުތައް އޮޕަރޭޓްކުރަން ފަށާނެ ކަމަށެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.