މިއަދު މާލޭ ސަރަހައްދަށް އިހްސާސްކުރެވޭ ހޫނުމިން ހުރީ 43 ޑިގްރީގައި ކަމަށް ގައުމީ މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އޮފީހުން ވިދާޅުވެއްޖެއެވެ. މެޓް އޮފީހުން "ވަގުތު" އަށް ވިދާޅުވީ މި ދުވަސްކޮޅު އާންމު ގޮތެއްގައި ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އިހްސާސް ކުރެވޭ ހޫނުމިން ހުންނާނީ 40 އަށް ވުރެ މައްޗަށް ކަމަށެވެ. މާރިޗް މަހަކީ ޚާއްސަކޮށް ރާއްޖެއަށް އެންމެ ހޫނު ގަދަވާ ދުަވަސްވަރެއް ކަމަށް ވެސް ވިދާޅުވިއެވެ.
- މީގެ އިތުރުން ވިލާ އޭގެ ޒާތުަގައި އުފެދޭ މިންވަރު މަދުވެފައި ވައިޖެހޭ ބާރު މިން ވެސް ދަށް ވާނެ ކަމަށް ވިދާޅުވިއެވެ.
މިއަދު 11:00 ޖެހިއިރު އެކި ސަރަހައްދުތަކަށް އިހްސާސްކުރެވުނު ހޫނުމިން:
- ހަނިމާދޫ - 42.5 ޑިގްރީ
- ކައްދޫ - 31.3 ޑިގްރީ
- ކާޑެއްދޫ - 40.7 ޑިގްރީ
- ގަން - 38.7 ޑިގްރީ
މެޓް އޮފީހުން ވިދާޅުވެފައިވާ ގޮތުގައި މާރިޗް-އޭޕްރީލްއަކީ އަހަރުގައި ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ. އެއީ ވިލާ މަދުވުމާއި، ވައި މަޑުވުނުން އަދި ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން މި އަހަރަކީ "އެލްނީނޯ" އަހަރެއް ކަމަށް ވުމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮތްކަން ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާއިން ލަފާކުރާކަމަށް މެޓްއިން ވިދާޅުވެފައި ވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.