1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

"ދަނޑުވެރި މަންފާ" ގްރާންޓާއި "ދަނޑުވެރި ނަފާ" ލޯނު ސްކީމްގެ ދެވަނަ ބުރު ރަސްމީކޮށް އިފްތިތާހުކޮށްފި

މަރްޔަމް ޝަފާ ސައީދު
205ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ "ދަނޑުވެރި މަންފާ" ގްރާންޓާއި "ދަނޑުވެރި ނަފާ" ލޯނު ސްކީމްގެ ދެވަނަ ބުރު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި ސްކީމްތައް އިފްތިތާހުކޮށްދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ހއ. ކެލަޔަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ތެރެއިންނެވެ.

މި ޕްރޮގްރާމަކީ އެސްއެމްއީ ޑިޖިޓަލްއާ ގުޅިގެން، ދަނޑުވެރިންނަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫއެކެވެ. "ދަނޑުވެރި މަންފާ" ގްރާންޓަކީ ދަނޑުވެރިކަމާ ބެހޭ ވުޒާރާއާއި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ހިންގާ "މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)" ގެ ދަށުން ދޫކުރާ އެހީއެކެވެ.

ޖުމްލަ 15 މިލިއަން ރުފިޔާގެ މި ގްރާންޓް ސްކީމްގެ ފުރުޞަތު މިފަހަރު ހުޅުވާލާފައިވަނީ ހަމައެކަނި 'ކްލައިމެޓް ސްމާޓް ޕްރޮޑަކްޝަން' ނުވަތަ މޫސުމީ ބަދަލުތަކަށް ހޭނިފައިވާ ދަނޑުވެރިކަމަށެވެ. މީގެ ތެރޭގައި ގްރީންހައުސްތައް ބިނާކުރުމާއި، ހައިޑްރޮޕޯނިކްސް ފަދަ ޒަމާނީ ވަސީލަތްތައް ގާއިމުކުރުން ހިމެނެއެވެ. މި ގްރާންޓަށް ކުރިމަތިލެވޭނީ ހއ، ހދ އަދި ށ އަތޮޅުގެ ދަނޑުވެރިންނާއި، އެންޖީއޯތަކާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އިތުރުން ކޯޕޮރޭޓިވް ސޮސައިޓީތަކަށެވެ.

300 × 250

ދަނޑުވެރި ނަފާ ފައިނޭންސިން ފެސިލިޓީ

މީގެ އިތުރުން "ދަނޑުވެރި ނަފާ" ފައިނޭންސިން ފެސިލިޓީއަކީ މީގެ ކުރިން އާންމު ލޯނު ސްކީމެއްގެ ގޮތުގައި ހިންގަމުންދިޔަ "ނަފާ ލޯން ސްކީމް" އިސްލާމީ ފައިނޭންސިންގ ނިޒާމަށް ބަދަލުކުރުމަށްފަހު، ހުޅުވާލި ފުރަތަމަ ފަހަރެވެ. މި ފެސިލިޓީގެ ދަށުން އާބަން އެންޑް ޕްރޮޓެކްޓެޑް އެގްރިކަލްޗަރ، ވާޓިކަލް ގާޑްނިންގ، ޕޯލްޓްރީ ފާމިންގ، އަދި އެގްރޯ ޕްރޮސެސިން ފަދަ މަސައްކަތްތަކަށް ފައިސާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ސްކީމްގެ ދަށުން ޖަނަވާރުގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ވެޓެރިނަރީ ސާވިސްއާއި ޕެޓް ފާމް ފަދަ ޚިދުމަތްތަކަށްވެސް އެހީތެރިކަން ލިބޭނެއެވެ. ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމްތަކުގެ މައިގަނޑު މަޤުޞަދަކީ ދަނޑުވެރިކަމުގެ ސިނާއަތް ފުޅާކޮށް، ރާއްޖޭގެ އިޤްތިޞާދުގައި ދަނޑުވެރިކަމުގެ ހިއްސާ އިތުރުކުރުމެވެ.

ސަރުކާރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ދަނޑުވެރިކަން ކުރުމަށް ޒުވާނުންގެ ޝައުޤުވެރިކަން އިތުރުކޮށް، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. މި ސްކީމްތަކުގެ ސަބަބުން ރާއްޖޭގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި