ކ. ތުލުސްދޫގައި ގާއިމު ކުރުމަށް ނިންމާފައިވާ ޕޮލިޓެކްނިކް އިމާރާތުގެ ބިންގާ އަޅައިފިއެވެ.
ތުލުސްދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިތަނުގެ ބިންގާ އަޅުއްވައިދެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އާއި ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަހުމަދު އަންވަރުއެވެ.
ތުލުސްދޫގައި ޕޮލިޓެކްނިކެއް ތަރައްގީކުރަން ވިލާ އެޑިއުކޭޝަން ސާވިސެސް އާ ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ. އެއްބަސްވުމުގައި ވާ ގޮތުން މި މަޝްރޫއުގެ މަސައްކަތް ދެ އަހަރު ދުވަސްތެރޭގައި ނިންމައި ހަވާލުކުރަންޖެއެވެ. އެހެން ނަމަވެސް މި މަސައްކަތް އެއްވެސް ވަރަކަށް ފެށިފައެއް ނުވެއެވެ.
މިއީ މިދިޔަ ސަރުކާރުގައި ހަޔާ އެޑިޔުކޭޝަނުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހިންގާ ޕްރޮޖެކްޓެކެވެ.
ތުލުސްދޫގައި ތަރައްގީ ކުރާ ޕޮލިޓެކްނިކް ހާއްސަ ކޮށްފައިވަނީ ވޯޓަރ ސްޕޯޓްސްއާއި މެދު ފަންތީގެ ޓޫރިޒަމް ދާއިރާގެ ފަންނީ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. އަދި ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް އެ އިންސްޓިޓިއުޓުގައި ހިންގާނެއެވެ.
ޕޮލިޓެކްނިކް އިމާރާތް ކުރުމަށްޓަކައި ތުލުސްދޫއިން 32،581.25 އަކަފޫޓްގެ ބިމެއް ވަނީ ތުލުސްދޫ ކައުންސިލުން ހަމަޖައްސައި ދީފައެވެ. އަދި މި އިންސްޓިޓިއުޓުގައި ހިންގުމަށް ހަމަޖެހިފައިވާ ވޯޓަރ ސްޕޯޓްސް ދާއިރާގެ ތަމްރީނުތައް ހިންގުމަށްޓަކައި 1208.33 އަކަފޫޓުގެ ބިމެއް ބީޗް ފްރޮންޓުންވެސް ވަނީ ހަމަޖައްސައި ދީފައެވެ.
މި ޕްރޮޖެކްޓް ހުރިހާ ފޭސްއެއް ނިމޭއިރު ޕޮލިޓެކްނިކުގައި ކިޔަވައިދިނުމަށް ބޭނުންކުރާ އިންސްޓިޓިއުޓް ބްލޮކެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ހުންނާނެއެވެ. އަދި އިންސްޓިޓިއުޓްގައި ޓޫރިޒަމްގެ ފަންނީ ތަމްރީނުތައް ދިނުމަށާއި ދަރިވަރުންނަށް ބޭނުންވާ ޢަމަލީ ތަޖުރިބާ ހޯދައިދިނުމަށްޓަކައި ޓޫރިސްޓް ފެސިލިޓީއެއް އިންސްޓިޓިއުޓާއެކު ހުންނާނެ އެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.