މާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ޕެލެޓްތައް މާލެ ސިޓީ ކައުންސިލުން ނަގަން ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ "އެކްސް" އެކައުންޓުން ކުރި ޕޯސްޓެއްގައި ވަނީ މާލޭގެ މަގުތަކުގައި ޕާކުކުރަން އޮންނަ ޖާގަތަކުގައި ހުރި ޕެލެޓުތައް ނަގާ ފޮޓޯތައް އާންމުކޮށްފައެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ޕެލެޓްތައް ނަގަމުން ދަނީ ބޮޑުތަކުރުފާނު މަގު އެމްޕީއެލް ސަރަހައްދުންނެވެ. އިއްޔެ އިން ފެށިގެން ޕެލެޓްތައް ނަގަމުން އަންނަ އިރު، މިހާތަނަށް އައިއިރު ނެގީ ކިތައް ޕެލެޓްކަމެއް ހާމަކޮށްފައެއް ނުވެއެވެ.

މާލޭ މަގުމަތީ ހިނގާބިނގާވެ އުޅޭ މީހުންނަށް ދަތިވާގޮތަށް ބަހައްޓާފައިވާ ޕެލެޓުތަކާއި މީހުންނަށް އަނިޔާވާ ގޮތަށް ހުރި ހަލާކުވެފައިވާ ޕެލެޓުތައް މަގުތަކުގައި ބަހައްޓާތީ އާންމުންގެ ޝަކުވާ ވަރަށް ބޮޑެވެ.

މާލޭގެ މަގުތަކުގައި ހުރި ޕެލެޓުތައް މީގެކުރިން ވެސް ނަގާފައި އެބަހުއްޓެވެ. އެކަމަކު، އެ ނަގަން ފެށުމުން އަނެއްކާ ވެސް އެ ޕެލެޓްތައް ބަހައްޓައެވެ.