ބަންޑާރަ މިސްކިތާއި ވިޔަފާރިވެރިންގެ މިސްކިތުގައި އަންހެނުންގެ ބައިގެ ބައެއް ތަކެއްޗަށް ގެއްލުން ދިން މައްސަލަ ބަލަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްއެވެ. ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޑރ. ޝަހީމް ވިދާޅުވެފައިވަނީ މި މައްސަލަ އެ ވުޒާރާއިން ބަލަމުންދާ ކަމަށެވެ. މާލޭގެ ދެ މިސްކިތެއްގައި އަންހެނުން ވުޟޫކުރާ ބަޔަށް ގެއްލުންދީފައިވަނީ ކޮން ބަޔަކުކަން އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ މާލޭގެ ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާހާނާގެ ތަށި އަދި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫކުރާ ބައިގެ ފެން އިސްކުރުތަށް ބަޔަކު ހަލާކުކޮށްލާފައިވާ ކަމަށެވެ.

"ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާޚާނާގެ ތަށި އަދި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫކުރާ ބައިގެ ފެން އިސްކުރުތަކަށް ވަނީ ގެއްލުންދީ ހަލާކުކޮށްލާފަ. ފާހަނާތަށި އަދި އިސްކުރު މަރާމާތުކުރުން މިރޭ ކުރިއަށް ގެންދެވޭނެ ވާހާކަ ހުރިހާ ބޭފުޅުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ." އާޒިމްގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ. އާޒިމް ވަނީ ‏މިފަދަ ނާތަހުޒީބު އަމަލްތަށް ހުއްޑުވުމަށް އެންމެންގެ އެހީތެރިކަން ބޭނުންވާކަމަށް ވިދާޅުވެފައެވެ.

އާޒިމް ވިދާޅުވީ ބަންޑާރަ މިސްކިތުގެ ފާހަނާތަށި އަދި ވިޔަފާރިވެރިންގެ މިސްކިތުގެ އިސްކުރު މަރާމާތުކުރުން މިރޭ ކުރިއަށް ގެންދާނެ ކަމަށެވެ.