މާލޭގެ މަގުތަކުގައި ކުނި ބަހައްޓާ ފަރާތްތަކުގެ ފޮޓޯ އަދި ވީޑިއޯ ފޮނުވައިދިނުމަށް މާލެ ސިޓީ ކައުންސިލުން އެދިއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ‏މާލޭގެ މަގުތަކުގައި ކުނި ބަހައްޓަމުންދާ ފަރާތްތައް ފާހަގަ ކުރެވެމުންދާ ކަމަށެވެ. "މި ގޮތަށް ރައްޔިތުންނަށް އުދަގޫވާ ގޮތަށް ކުނި ބަހައްޓާ ފަރާތްތަކުގެ ފޮޓޯ އަދި ވިޑިއޯ ކައުންސިލަށް ފޮނުވައި ދެއްވުން އެެދެން.“ މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި އެދިފައިވެއެވެ. މާލެ ސާފުތާހިރުކޮށް ބޭއްވޭނީ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބިގެންކަން ވެސް މާލެ ސިޓީ ކައުންސިލުގެ ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ. މާލެ ސިޓީ ކައުންސިލުން އަންނަނީ މަގުތަކުގައި ކުނި ބަހައްޓަމުންދާ ފަރާތްތައް ޖޫރިމަނާކުރަމުންނެވެ. އެގޮތުން މަގުތަކުގެ ޕޭވްމަންޓުގައި ކުނި ބަހައްޓައިގެން އިއްޔެ ވެސް 6 ފަރާތެއް ވަނީ ޖޫރިމާނާ ކޮށްފައެވެ.