ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ތިނަދޫ ސިޓީގެ ގެތަކުން ކުނި ނެގުމަށް ތައްޔާރުވެ، ހިދުމަތަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވެމްކޯ އިން ތިނަދޫ ސިޓީގެ ގެތަކުން ކުނި އުކައިދިނުމަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އޮންލައިންކޮށް މި ލިންކް ރަޖިސްޓަރ ކޮށްލެވޭ މި ހިދުމަތަށް އެދުމުގެ ފުރުސަތުވެސް އެބައޮތް ކަމުގައި އެކުންފުނިން ވަނީ ބުނެފައެވެ. އަންނަ އޭޕްރިލް މަހު 20ވަނަ ދުވަހާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.

ތިނަދޫގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރާ ހަވާލުވެ ހިންގަމުން އަންނަ ވެމްކޯއިން ބުނީ މިހާރު މަސައްކަތް ކުރަމުން އަންނަނީ އަންނަ އޭޕްރިލް މަސް ނިމުމުގެ ކުރިން ތިނަދޫގައި މި ހިދުމަތް ފެށުމަށް ކަމަށެވެ. އެހެންކަމުން ވެމްކޯއިން އެދިލައްވާފައިވަނީ ލަސްނުކޮށް ވީހާވެސް އަވަހަކަށް އެ ހިދުމަތަށް ރަޖިސްޓްރީ ކުރުމަށެވެ.

ތިނަދޫ ކުނީގެ މައްސަލަ ހައްލުކުރުމަށް ވެމްކޯގެ މުވައްޒަފުން މިހާރުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ތިނަދޫގެ ގޭބިސީތަކުން ރަސްމީކޮށް ކުނި ނެގުމުގެ ކުރިން ކުރަންޖެހޭ ކަންކަން ކުރުމުގެ މަސައްކަތްވެސް އެކުންފުނިން އަންނަނީ ކުރަމުންނެވެ. އެގޮތުން ވެމްކޯއިން މިހާރު އަންނަނީ މި ހިދުމަތަށް ތިނަދޫ ރައްޔިތުން ހޭލުންތެރިކުރުވުމަށް ގޭގެއަށް ޒިޔާރަތްކުރަމުންނެވެ.