ވިލިމާލޭގައި ހެދުމަށް ނިންމާފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ ޑިޒައިން މަސައްކަތް މިހާރު ފަށައިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި މީހަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް މިއަދު ވިދާޅުވީ، ވިލިމާލެއިން ފޯރުކޮށްދޭ ސިއްހީ ހިދުމަތްތައްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށާއި ސަރުކާރުން ވިލިމާލޭގެ ސިއްހީ ހިދުމަތްތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރާނެ ކަމަށެވެ

"ވިލިމާލޭގައި އަޅުގަނޑު އިއުލާންކޮށްފަވާނެ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އަޅާނެ ވާހަކަ. އެހެންވީމާ އެ މަސައްކަތް މިހާރު އެބަހިނގާ.

ޗައިނާގެ ހިލޭ އެހީގެ ދަށުން އެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފަ އޮތީ. މިހާރު ކުރިއަށްދަނީ ޗައިނާގެ ކަމާބެހޭ އިދާރާގެ ބޭފުޅުންނާ އަޅުގަނޑުމެންގެ ކޮންސްޓްރަކްޝަން މިނިސްޓްރީއާ ހެލްތު މިނިސްޓްރީއާ ގުޅިގެން ޓެކްނިކަލް މަސައްކަތްތައް، ޑިޒައިނިންނާއި ޓެކްނިކަލް މަސައްކަތް. އެކަމަށް ބިން ވެސް ކަނޑައަޅާފަ މިހާރު އެއޮތީ،" ރައީސް ވިދާޅުވިއެވެ.

ޑިޒައިނިން އަދި ޓެކްނިކަލް މަސައްކަތް ނިމުމުން، ހޮސްޕިޓަލް ހެދުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށާއި ވިލިމާލޭގެ ރައްޔިތުންނަށް، ހިތްހަމަޖެހޭވަރުގެ ޓާޝަރީ އެ ހޮސްޕިޓަލު ވަރަށް އަވަހަށް ލިބިގެންދާނެކަމުގެ ޔަގީންކަންދެއްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.