ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމުގެ ހުކުމް ތަންފީޒުު ކުރާ މީހުނަށް މާފު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުއިއްޒު މިހެން ވިދާޅުވީ އުމުރުން 13 އަހަރުގެ އަންހެން ކާފަ ދަރިފުޅަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ތ. ވޭމަންޑޫއިން މިދިޔަ އަހަރުގެ އޮގަސްޓު މަހުގައި ހައްޔަރުކުރި މީހާ ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލާފައި ވަނިކޮށެވެ. މި މައްސަލައާިއ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޑަކުދިީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ހުކުމް ކޮށްފައިވާ މީހުންނަށް މައާފުދިނުން، ނުވަތަ ލުއިދީ ދޫކޮށްލުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށެވެ. https://twitter.com/MMuizzu/status/1771422109715353873?s=20

"މިގޮތަށް ނިންމާ ނިންމުންތައް ލަސްނުކޮށް އިސްތިއުނާފު ކުރުމަށް ސަރުކާރުން ޕީޖީ ގައި މިދަނީ ދަންނަވަމުން. މި ދިވެހި މުޖުތަމައަކީ އެފަދަ ނުބައި ފަރާތްތަކުގެ ނުބައި ވަކިތަކުން ސަލާމަތްވެފައިވާ މުޖުތަމައަކަށް ހެދުމަށް އެންމެން އެކުގައި މަސަކަތް ކުރަމާތޯ." ރައީސް ވިދާޅުވެފައިވެއެވެ.

މިދިޔަ އަހަރުގައި ފެންމަތިވި ޖިންސީ ގޯނާނެ މި މައްސަލައިގައި އެ ކުއްޖާގެ ބަޔާން ވެސް މީސްމީޑިއާގައި ދައުރުވިއެވެ. ޖިންސީ ގޯނާގެ ޝިކާރައަކަށްވި 13 އަހަރުގެ ކުއްޖާއަކީ ނުކުޅެދުންތެރިކަމެއް ވެސް ހުންނަ ކުއްޖެކެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ކާފަ ދޫކޮށްލުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެއީ މުޖްތަމައަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.