ކުރިއަށް އޮތް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ އަދަދު ލައްކައަކަށް އަރާނެ ކަމަށް ހޯމް މިނިސްޓަރ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ކުރިމަތިކުރުވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ހުރިހައި ބިދޭސީން އެއް އަހަރުގެ ތެރޭގައި ހޯދުން ކަމުގައެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ ބިދޭސީންގެ ދަފްތަރެއް އޮތުމަށް ގާނޫނުން ލާޒިމްކުރިނަމަވެސް ސިޓީތަކާއި ރަށްރަށުގެ ކައުންސިލުތަކަށް އެ ޑޭޓާބޭހަށް އެކްސެސް ނެތުމުން ބިދޭސީން ދަފްތަރު ނުކުރެވޭ ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތް އެއް އަހަރުގެ މުއްދަތުގައި ރާއްޖޭގައި ތިބި ބިދޭސީންގެ ފިންގަޕްރިންޓް ނަގައި، އެއް ޑޭޓާބޭހަކަށް ދަފްތަރުކޮށް، ކައުންސިލްތަކަށް އެ ޑޭޓާބޭހަށް އެކްސެސް ދީ، ފިންގަޕްރިންޓް މެދުވެރިކޮށް އެއީ ކޮންބައެއްކަން ދެނެގަނެވޭނެ ވަސީލަތްތައް ކައުންސިލްތަކަށާއި ފުލުހުންނަށް ފޯރުކޮށްދިނުން." މިނިސްޓަރ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އޭރުން ރަށްރަށަށް އައިސް ގޮސް ހަދާ ބިދޭސީން ދެނެގަތުމަށް ކައުންސިލްތަކަށް ފަސޭހަވާނެ ކަަމަށާއި އަދި ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި ވެސް ބިދޭސީން ދެނެގަތުމަށް ފަސޭހަވާނެ ކަމަށެވެ.
ރާއްޖޭގައި މިވަގުތު ތިބި ބަންގްލަދޭޝް މީހުންގެ އަދަދުތައް ހިއްސާކުރައްވަމުން ވިދޅާުވީ ފައިބެއަހަރުގެ ޑިސެމްބަރު 17 ގެ ނިޔަލަށް ވަޒީފާ އަދާކުރުމަށްޓަކައި ތިބީ 90،624 މީހުން ކަމަށެވެ. އަދި ފައިބެއަހަރުގެ ނޮވެމްބަރު 11 ން 17 ޑިސެމްބަރަށް 206 މީހުން ވިސާ ކެންސަލްކޮށް ފުރި އަދި ފޮނުވާލެވުނު ކަމަށެވެ.
އޭގެ ފަހުން 5،400 މީހުންނަށް ހުއްދަ ދޫކުރެވުނު ކަމަށާއި 4،000 މީހުން އައިސްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އެކްޓިވް ވޯކް ޕާމިޓްގައި 135،149 ތިބި ކަމަށް ވެސް ވިދާޅުވިއެވެ.
ބަންގްލަދޭޝް މީހުން ރާއްޖޭގައި އިތުރުވަމުންދާ ނިސްބަތަށް ބަލާއިރު، ކުރިއަށް އޮތް ހަތަރު މަހެއްހާ ދުވަހުގެ ތެރޭ އެ އަދަދު އެއް ލައްކަ އަށް އަރާނެކަމަށް މިނިސްޓަރ ލަފާކުރައްވާއިރު، އެއީ އެއް ގައުމަކުން އެންމެ ގިނައިން ރާއްޖެ އަށް ބިދޭސީން ގެނެވޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ އަދަދު ވެސް މެއެވެ.
އެހެންނަމަވެސް އެ އަދަދު އެއް ލައްކަ އަށް ނޭރުވުމަށް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހިފައި، ހައްޔަރުކޮށް އެ މީހުން ޑީޕޯޓްކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަން ހޯމް މިނިސްޓަރ އިހްސާން ވަނީ ފާހަގަ ކުރައްވާފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.