ހުޅުމާލޭގައި 17 އަހަރުގެ ކުޑަ އަންހެންކުއްޖަކު ސައިކަލަކުން ވައްޓާލައި ފުލުހުން އަނިޔާކުރި ކަމަށް ބުނެ، ފޭސް 2ގެ ޕޮލިސް ސްޓޭޝަންގެ ދޮަށަށް ބަޔަކު އެއްވެ އަޑު އުފުލާފައިވަނިކޮށް އެހާދިސާ ހިނގިގޮތް ފެންނަ ސީސީޓީވީ ފުޓޭޖް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެެވެ.

އެހާދިސާގެ ސީސީޓީވީ ފުޓޭޖްގެ އާއްމުވެފައިވާ ވީޑިއޯއަކީ، ފޯނަކުން ސްކްރީން ރެކޯޑްކޮށްފައިވާ ކަމަށް ބެލެވޭ ވީޑިއޯއެކެެވެ. މީވީޑިއޯ އާއްމު ކުރީ ކޮންބައެއް ކަމެއް އެނގިފައެއް ނުވެއެވެ.

ވީޑިއޯގައި ފެންނަ ގޮތުގައި، 17 އަހަރުގެ އަންހެންކުއްޖާ އާއި އެހެން މީހަކު ދުއްވަމުން އައި ސައިކަލު، ފުލުހުންގެ ޗެކްޕޮއިންޓަކަށް މަޑު ކުރުމަށް އެންގުމުން މަޑުނުކޮށް ޗެކް ޕޮއިންޓް ފަސްދީ ދިޔަވަގުތު ކުރިމަތިން އެހެން ސައިކަލެއްގައި ޖެހި ވެއްޓެއެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ފުލުހުން އެސައިކަލު ކައިރިއަށް ދަނީވެސް އެސައިކަލު ވެއްޓުމުން އެހީތެރިވުމުގެ ގޮތުންނެވެ.

އެހެން ނަމަވެސްް ރޭ ބަޔަކު ފުލުހުންގެ މަރުކަޒު ދޮށަށް އެއްވެފައި ވަނީ، ކުޑަކުއްޖަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނެއެވެ. ޕޮލިސް ސްޓޭޝަން ދޮށަށް އެއްވި މީހުން މައިތިރި ކުރުމަށް އެތަނަށް ރަޔަޓް ފުލުހުންވެސް އައެވެ