ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އެކުވެރި އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ތައިލެންޑުން އާސަންދައިގެ ހިދުމަތް ލިބޭނެ މަގު ފަހިކުރުމަށްޓަކައި އެ ދެގައުމުން އާސަންދައިގެ ޚިދުމަތް ލިބޭނެ މޮޑެލްތަކަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމުގައި މިނިސްޓަރު އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރޮޒެއިނާގެ ސުވާލު ކުރައްވާފައިވަނީ އޫއޭއީ އާއި ތައިލެންޑުން އާސަންދައިގެ ހިދުމަތް ދިނުމަށް ރައީސް ނިންމަވާފައިވާއިރ،ު އެ ތަންތަނުން އާސަންދަ ލިބޭނީ ކޮން ހިދުމަތްތަކެއްތޯ އާއި އިންޑިއާ އިން މިހާރު ލިބޭ ހިދުމަތްތައް އެއަށްވުރެ އަގުބޮޑުކޮށް ހޯދުމަށް ތައިލެންޑް އާއި ޔޫއޭއަށް ފޮނުވާ ގޮތަށް ހަމަޖެހިފައިވޭތޯ އާއި މިހާރު އޮތް ބަޖެޓުން އެކަން ހަމަޖައްސާނަމަ ހިދުމަތް ދެވޭ މީހުންގެ އަދަދަކީ ކޮބައިތޯއެވެ. ރޮޒެއިނާގެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެ ދެގައުމުން އާސަންދަ ލިބޭނެ މޮޑެލްތަކާއި ކަވަރުކުރާނެ ހިދުމަތްތަކާމެދު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމުގައެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސްއާއި ތައިލެންޑްފަދަ ކުރިއަރާފައިވާ ޤައުމުތަކުން، އެތަންތަނުގައި އެކޮމޮޑޭޝަންވެސް ލިބޭގޮތަށް އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޗައިނާއަށް އެމަނިކުފާނު ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެއަށް ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ހެލްތް ފެސިލިޓީތައް ރަނގަޅުވަންދެން ދިވެހިން ދެން ދާނީ ރާއްޖެއިން ބޭރުން ޚިދުމަތް ހޯދާ، މިހަރަށްވުރެ ރަނގަޅު ފެންވަރުގެ ހޮސްޕިޓަލުތަކަށް ކަމަށެވެ. "އާސަންދަ ނިޒާމަކީ ވަކި ޤައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީއަކަށް ގޮސްގެން އެކަނި ބޭނުން ކުރެވޭ އެއްޗަކަށް ނުހަދާ އެއަށްވުރެ ފެންވަރު ރަނގަޅު ޤައުމަކަށް އާސަންދަ ފުޅާކުރާނަން. އަދި އެކޮމަޑޭޝަން އެކްސްޕެންސެއް ހިމެނޭ ގޮތަށް އާސަންދަ ފުޅާ ކުރާނަން." ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި މި ގައުމުތަކުން އާސަންދަ ހަމަޖެހިގެންދާއިރު، އެތަންތަނުގައި ބޭހަށް އެކަމަޑޭޝަންވެސް ހަމަޖެހިގެންދާނެ ކަމަށެވެ. އާސަންދައިން ބޭސްފަރުވާގެ އެހީ މިހާރު ލިބޭ ގިނަ ހޮސްޕިތަކަކީ އިންޑިއާގެ ހޮސްޕިޓަލް ތަކެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.